ދުނިޔެ
ޣައްޒާގެ ހަނގުރާމައިގެ ތެރޭގައި ބޭރުކުރި ތުއްތު ކުދިން ދެ އަހަރަށްފަހު އާއިލާތައް ކައިރިއަށް
ހަނގުރާމައިގެ ސަބަބުން ޣައްޒާއިން ބޭރުކުރި ކުދިން އަނބުރާ މައިންބަފައިންނާއި ބައްދަލުކުރުން
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި، ފުރާނަ ސަލާމަތްކުރުމަށްޓަކައި ޣައްޒާއިން ބޭރުކުރި އަށް ތުއްތު ކުދިން، ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އެނބުރި ގައުމަށް އައިސް އެކުދިންގެ އާއިލާތަކާ ބައްދަލުވެއްޖެއެވެ.
މިއީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ކުޑަ އުފާވެރި ވަގުތުކޮޅެކެވެ.
މި ކުދިންނަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލަށް އަރައިގަތް ވަގުތު، އެ ތަނުން ބޭރުކުރި ދުވަސް ނުފުރާ ވިހާފައިވާ 25 ކުދިންގެ ތެރޭގައި ހިމެނޭ ކުދިންނެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނި ގޮތުގައި، މި އަށް ކުދިން އެނބުރި ޣައްޒާއަށް ގެނައީ މިސްރުގައި ފަރުވާ ހޯދުމަށްފަހު، އާއިލާގެ ތިން މެންބަރުންނާއި ސިއްހީ ދެ މުވައްޒަފުންނާ އެކުގައެވެ.
ކިންދާ ލުލޫ ނަމަކަށް ކިޔާ ކުއްޖެއްގެ ބައްޕަ ސާމިރު ލުލޫ އަލްޖަޒީރާއަށް ބުނެފައިވަނީ، "އަހަރެމެންގެ އިހުސާސްތައް ބަޔާންކޮށްދޭންވެސް ނޭނގޭ. މިއީ އަހަރެމެންގެ ހަޔާތުގައި އައި އެންމެ މުހިންމު ވަގުތު، ހާއްސަކޮށް މިއީ އަހަރެންގެ ފުރަތަމަ ދަރިފުޅަށް ވީތީ،" ކަމަށެވެ. ނަމަވެސް، މި އުފާވެރިކަމާއެކުވެސް، ކުރިމަގާ މެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން ހިތާމަވެސް ކުރާކަމަށް އޭނާ ފާހަގަކުރިއެވެ.
އިސްރާއީލުގެ ހިސާރުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބޭހާއި، ކާނާއާއި، އަދި އެހެނިހެން ސިއްހީ ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ. އެމިރޭޓީ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ޒަގޫތު ވިދާޅުވި ގޮތުގައި، އިސްރާއީލުން އަލް-ޝިފާ ކޮމްޕްލެކްސްއަށް ބޭހާއި ކާނާ ވެއްދުން މަނާކުރުމުގެ ސަބަބުން އެ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހުނެވެ.
ސުލައިމާން ހިއްޖީގެ މަންމަ އޯލާ ހިއްޖީ ބުނީ، އޭނާގެ ދަރިފުޅު ވިހެއުމަށްފަހު އަލް-ޝިފާ ހޮސްޕިޓަލުގެ އައިސީޔޫއަށް ގެންދިޔަ ގޮތަށް، އޭގެ ފަހުން ދަރިފުޅު ނުދެކޭ ކަމަށެވެ. "މިއީ ވަރަށް އުފާވެރި އިހުސާސެއް،" އޭނާގެ ދަރިފުޅާ ބައްދަލުވުމުން ބުންޏެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގައި މިހާތަނަށް 72,200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އޮކްޓޯބަރު 2025 އިން ފެށިގެން "ސުލްހައިގެ އެއްބަސްވުމެއް" އޮތް ކަމަށް ބުނި ނަމަވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ހަމަލާ ދެމުންނެވެ. މިގޮތުން އަންގާރަ ދުވަހުވެސް ބުރައިޖް ރެފިއުޖީ ކޭމްޕް ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.