ދުނިޔެ
ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ބޮޑު މުޒާހަރާއެއް ކޮށްފި
ހުޅަނގުއައްސޭރީގައި ބޭއްވި މުޒާހަރާގެ ތެރެެއިން
އިސްރާއީލަށް ހަމަލާދޭ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ހުއްދަދޭ ގާނޫނެއް އިސްރާއީލުގެ ކްނެސެޓުން ފާސްކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ހުޅަނގު އައްސޭރީގެ އެކި ސިޓީތަކުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފިއެވެ.
މި މުޒާހަރާތައް ކުރިއަށް ގޮސްފައިވަނީ ރާމަﷲ، ތޫބާސް، ނާބުލުސް، ޖެނީން އަދި ހެބްރޯން ފަދަ ސިޓީތަކުގައެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލް-ބީރޭގައި ހުންނަ ބައިނަލްއަގުވާމީ ރެޑް ކްރޮސްގެ މައި އޮފީސް ކުރިމަތީގައި ބޭއްވި މި ހަރަކާތުގައި ކުށްވެރިންގެ އާއިލާތަކާއި، ފަތަހަ ޖަމާއަތުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުން ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ ޖަލުތަކުގައި މަރުވެފައިވާ ފަލަސްތީނު މީހުންގެ ފޮޓޯތައް ހިފައިގެން އަޑުއުފުލާފައެވެ.
އިސްރާއީލުގެ އާ ގާނޫނު
އިސްރާއީލުގެ ޕާލަމެންޓް (ކްނެސެޓް) އިން މި ގާނޫނު ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ. މި ގާނޫނަށް 62 މެންބަރުން ތާއީދުކުރިއިރު، ދެކޮޅަށް ވޯޓު ދިނީ 48 މެންބަރުންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މި ގާނޫނަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. މި ގާނޫނުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރާނީ އިސްރާއީލުގެ ޖަލުތަކުގެ އޮފިސަރުން ދަންޖައްސައިގެންނެވެ.
ބައިނަލްއަގުވާމީ ކަންބޮޑުވުން
އެމްނެސްޓީ އިންޓަނޭޝަނަލުން މި ގާނޫނު ސިފަކޮށްފައިވަނީ "އިންސާނީ ހައްގުތަކަށް ކުޑަމިނުން ވެސް އިހުތިރާމް ކުރުމެއް ނެތް، އަނިޔާވެރިކަމާއި ތަފާތުކުރުން ދައްކުވައިދޭ ކަމެއް" ގެ ގޮތުގައެވެ. އެ ޖަމިއްޔާގެ ސީނިއާ ޑައިރެކްޓަރު އެރިކާ ގުއެވާރާ-ރޯސަސް ވިދާޅުވީ މިއީ ފަލަސްތީނު މީހުންނަށް އަމާޒުކޮށްގެން ހިންގާ ލާއިންސާނީ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޖަރުމަނުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ކޯނޭލިއަސް ވިދާޅުވީ މަރުގެ އަދަބާ ދެކޮޅު ހެދުމަކީ ޖަރުމަނުގެ އަސާސީ ސިޔާސަތެއް ކަމަށާއި، މި ގާނޫނަކީ ހަމައެކަނި ފަލަސްތީނު މީހުންނަށް އަމާޒުކޮށްގެން ހަދާފައިވާ ތަފާތުކުރުން ބޮޑު ގާނޫނެއް ކަމަށެވެ.
މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގައި 9,500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި 350 ކުޑަކުދިންނާއި 73 އަންހެނުން ހިމެނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޖަލުގައި ތިބޭ މީހުންނަށް އަނިޔާކުރުމާއި، ބަނޑަށް ޖެއްސުމާއި، ސިއްހީ ފަރުވާ ނުދިނުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.