ކުޅިވަރު

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗު ރާއްޖެއިން ކާމިޔާބުކޮށްފި

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗު ރާއްޖެއިން ކާމިޔާބުކޮށްފި

ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު އަލީ ފާސިރު އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 މާރިޗު 2026، 08:21

31 މާރިޗު 2026، 08:21

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ދިވެހިރާއްޖޭގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ. ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ޓިމޯ-ލެސްޓޭއާ ދެކޮޅަށް ކުޅުނު މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 2-1އިންނެވެ.

މި މެޗަށް ނިކުތްއިރު މި ދެ ޓީމަށް ވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ދޮރު އޮތީ ބަންދުވެފައެވެ. ނަމަވެސް ދެ ޓީމުން ނިކުތީ ގްރޫޕްގެ ތިންވަނަ ހޯދުމުގެ އަޒުމުގައެވެ. 

މެޗަށް ނިކުތްއިރު، ގްރޫޕްގެ ތިން ވަނައިގައި ކުޅުނު 5 މެޗުން 3 ޕޮއިންޓު ހޯދައިގެން އޮތީ ޓިމޯ-ލެސްޓޭއެވެ. އެއީ އެ ޓީމުން ރާއްޖެއާ ދެކޮޅަށް މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހު އޮސްޓްރޭލިއާގައި ކުޅުން މެޗުން ހޯދި 3 ޕޮއިންޓެވެ. 

ނަމަވެސް ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ ޓީމާ ހަވާލުވި ފަހުން ކުޅުނު މެޗަށް ޓީމުގެ ސްކޮޑު އެކުލަވާލީ އުމުރުން ދުވަސްވީ ގިނަ ކުޅުންތެރިން ހިމަނައިގެން، އެ ކުޅުންތެރިންގެ ބޭނުން ޓެކްނިކަލީ ހިފުމަށާއި، ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށެވެ. ހަމަގައިމު ވެސް މިއަދުގެ މެޗުން އެ ކުޅުންތެރިން ޓީމުގައި ހިމެނުމުގެ މުހިންމުކަން ހާމަކޮށްދީފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗުގެ ކޮންޓްރޯލް ނެގީ ރާއްޖޭގެ ޓީމުންނެވެ. އެގޮތުން ޑިފެންސިވް މިޑްފީލްޑަރެއްގެ ހައިސިއްޔަތުން، ގިނަ ދުވަސްތަކަކަށްފަހު ޤައުމީ ސްކޮޑުގައި ހިމެނުނު އަޙުމަދު އަބްދުالله (ލިލީ)ގެ ކުޅުން ފާހަގަ ކުރެވުނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅެމުންދިޔައީ ދިވެހި ޓީމުންނެވެ. ޓިމޯ-ލެސްޓޭ ޓީމުން ދެވަނަ ހާފަށް ނިކުތީ ކުރިއަށްވުރެ ބޮޑަށް ފަހަތަށް ޖެހިގެން ލިބޭ ފުރުސަތުތަކުގައި އަވަސް އެޓޭކްތަކެއް ކުރުމަށް ތައްޔާރުވެގެނެވެ.

ނަތީޖާއެއްގެ ގޮތުން ދިވެހި ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގާ ޓިމޯ-ލެސްޓޭ ޓީމުން ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 66ވަނަ މިނެޓުގައި އެލެކްޒެންޑްރޯ ބަހިތޯ ލެމޯސްއެވެ.

މި ގޯލާ ގުޅިގެން ދިވެހި ޓީމަށް ބަދަލުތަކެއް ގެނައުމަށް މެޗުގެ 78ވަނަ މިނެޓުގައި ޢަލީ އަޝްފާގު އާއި ޢަލީ ފާސިރުވަނީ ކުޅެން ނެރެފައެވެ. ނަތީޖާއަކަށްވީ، ދިވެހި ޓީމުގެ އެޓޭކުތައް ވަރުގަދަވުމެވެ. 

އެގޮތުން، މެޗުގެ ފަހު މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު އިރުފާންއެވެ. އިރުފާނު އެ ގޯލު ކާމިޔާބުކުރީ، ދިވެހި ޓީމަށް ޓިމޯ-ލެސްޓޭގެ ކޯނަރު ދަނޑިކައިރިން ލިބުނު އެއްލުން އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސިފާއު އެއްލުމުން، ސަމޫހް ބޮލުން ޖައްސާލި ބޯޅަ އިރުފާނު ހުރިތަނަށް އައުމުން އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތުމުން، ދެވެނަ ފަހަރަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެންނެވެ.

ރާއްޖެއިން މެޗުގައި މޮޅުވި ގޯލު ކާމިޔާބުކުރީ، އިތުރު ވަގުތުގައި ލިބުނު ފުރުސަތެއްގައި ޓިމޯ-ލެސްޓޭގެ ގޯލްކީޕަރު ކައިރިން ނައްޓާލަން އުޅެނިކޮށް އޭނާ އަޝްފާގަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ އަލީ ފާސިރުއެވެ. މިއީ ކޮލިފިކޭޝަން ބުރުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450