ޚަބަރު
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން ފޭސް 1ގައި 364 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން ފޭސް 1ގައި 364 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
01 އޭޕްރީލު 2026، 08:22
01 އޭޕްރީލު 2026، 08:22
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
އަންގާރަ ދުވަހުގެރޭ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި، އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނާއި އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރީންނެވެ. މި މަޝްރޫޢަކީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢާއެކު މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ އަޅައި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އަދި ބީއެމްއެލްއިން ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން ރޭގެ ރަސްމިއްޔާތުގައި އިއުލާންކޮށްފައެވެ. މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންއިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ.