ޚަބަރު
ބީއެމްއެލްއިން އިތުރު 540 ހައުސިން ޔުނިޓު އެޅުމަށް ނިންމައިފި
ހުޅުމާލޭގެ ފޭސް 1ގައި ޤާއިމްކުރުމަށް ނިންމާފައިވާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް އަންގާރަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓު އެޅުމަށް ނިންމަވާފައިވާކަމަށް، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިކަން އިޢުލާންކުރެއްވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގެ ފޭސް 1ގައި ޤާއިމްކުރުމަށް ނިންމާފައިވާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް އަންގާރަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް ދިވެހި ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމުގެ މަޤުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ގައުމީ މަޝްރޫއެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން. އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވިގެންދާނެ. އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިޔުން.
ޝަރީފް ވިދާޅުވިއެވެ.
އަދި މި މަސައްކަތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބައިވެރިވުމަށްވެސް ޝަރީފް ގޮވާލެއްވިއެވެ. ޝަރީފް ވިދާޅުވީ، އެހެން ބެންކުތަކުން މި ސްކީމްގައި ބައިވެރިވެއްޖެނަމަ، މިހާރު ޤާއިމްކުރާ 3800 ހައުސިން ޔުނިޓު އިތުރުވެ، ޖުމްލަ 5000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި ގާއިމްކުރާ 3800 ހައުސިންގ ޔުނިޓަށް ގާތްގަނޑަކަށް 5.7 ބިލިޔަން ރުފިޔާ އިންވެސްޓްކުރެވޭނެ ކަމަށެވެ. އަދި އަންދާޒާއަކީ މި އިންވެސްޓްމަންޓާއެކު، އިމާރާތްކުރުމުގެ ދާއިރާއިން ނޮމިނަލް ޖީޑީޕީ އަށް %3 ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.