ދުނިޔެ
އީރާނާއެކު ކުރާ ހަނގުރާމަ ދެތިން ހަފްތާ ތެރޭގައި ނިމިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ތެރޭގައި ހުއްޓާލެވިދާނެ ކަމަށާއި، ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އެއްބަސްވުމެއް ބޭނުންނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަކީ ޑިޕްލޮމެޓިކް ހައްލަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. "އީރާނުން އެއްބަސްވުމެއް ހަދާކަށް ނުޖެހޭ،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލްކަން ކެނޑި، އެ ގައުމު "އިހުގެ ޒަމާނަށް" (Stone Ages) ރުޖޫއަވެއްޖެ ކަމަށް ގަބޫލުކުރެވުމުން އެމެރިކާއިން އެ ގައުމު ދޫކޮށް ދާނެ ކަމަށެވެ.
ނަމަވެސް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއެކު ސީދާ އަދި ނުސީދާކޮށް މެސެޖުތައް ބަދަލުކުރެވުނު ނަމަވެސް، އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުގެ ކަންބޮޑުވުން
ކުއިންސީ އިންސްޓިޓިއުޓްގެ ފޮރިން ޕޮލިސީ މާހިރު ތުރީތާ ފާސީ ވިދާޅުވީ، ޓްރަމްޕްގެ ވާހަކަތަކަށް ސަމާލުވާންޖެހޭ ކަމަށެވެ. ކުރިން ހަތަރު ދުވަހުން ނިމޭނެ ކަމަށް ބުނި ހަނގުރާމަ ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، "މިހާރު މި ހަނގުރާމައިގެ ކޮންޓްރޯލް އެމެރިކާގެ އަތުން ވަނީ ބީވެފައި" ކަމަށެވެ. އަދި ހަގީގީ މަޝްވަރާތަކެއްގެ ބަދަލުގައި މަޖުބޫރުކުރުވައިގެން ކަންކަން ކުރަން އުޅުމަކީ ހަނގުރާމަ އިތުރަށް ދިގުލައިގެންދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ތެލުގެ އަގާއި އެކުވެރި ގައުމުތަކަށް ފާޑުކިޔުން
ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރޭގެ ބާޒާރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 4 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ އީރާނުން ގަލްފުގެ ތެޔޮ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކާއި، ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދިމާވެފައިވާ ހާލަތެކެވެ. މި ހާލަތުގައި ޓްރަމްޕް ވަނީ އެމެރިކާއަށް އަސްކަރީ އެހީތެރިކަން ނުދޭ އެކުވެރި ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިނުވާތީ ކޮންމެ ގައުމަކުންވެސް އަމިއްލައަށް ތެޔޮ ހޯދުމަށް ގޮވާލައްވާފައެވެ. "ތިޔަބައިމީހުންގެ އަމިއްލަ ތެޔޮ ހޯދަން ދާށޭ" ވިދާޅުވެ ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ އެކުވެރިންނަށް ނުރުހުން ފާޅުކުރައްވާފައެވެ.