ޚަބަރު
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މެޑިކަލް އިންޓަރންޝިޕްގެ 15 ފުރުޞަތު ހުޅުވާލައިފި
އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް ފޮޓޯ: އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.
މި ޕްރޮގްރާމްގެ ދަށުން އެ ހޮސްޕިޓަލުން މިފަހަރު ހުޅުވާލާފައިވަނީ ޖުމްލަ 15 ފުރުޞަތެވެ. އިންޓަރންޝިޕްގައި ބައިވެރިވާން ބޭނުންވާ ގްރެޖުއޭޓުންނަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ 1 އެޕްރީލް 2026 އިން ފެށިގެން 25 މޭ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ އެމްބީބީއެސް ފުރިހަމަކުރި ތާރީޚަށް ބަލައި، ކޯސް ނިންމި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އީމެއިލް ފޮނުވާ ތަރުތީބަށްވެސް އިސްކަންދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި:
- މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުން.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން.
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން.
ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް ހިމަނަންޖެހެއެވެ. މި ކޮޕީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ލިޔުމަކަށް ވާންޖެހޭނެއެވެ. އަދި މެޑިކަލް ކައުންސިލުން ދޫކޮށްފައިވާ ޕްރޮވިޝަނަލް ރެޖިސްޓްރޭޝަންގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެއެވެ.
އޭއީއެޗް އިން ވިދާޅުވީ، އީމެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަނެވޭނެ ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.
މިހާރުވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި ފުރުޞަތަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަތޮޅުތެރޭގައި ތަމްރީނު ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.