ޚަބަރު
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ވިޔަފާރިތަކުގެ ތާޢީދު މޫސާ ޢަލީ ޖަލީލަށް!
މިއަދުގެ ބަައްދަލުވުމުގެ ތެރެއިން--
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ވިޔަފާރިތަކުން ޕީއެންސީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސްކޮށްފި އެވެ.
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު މޫސާ ޢަލީ ޖަލީލާ ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުވުން އޮތީ މިއަދު ހެނދުނު މާލޭ، މަންހަޓަން ރެސްޓޯރަންޓުގަ އެވެ.
މި ބައްދަލުވުމުގައި ވިޔަފާރިތަކުން ވަނީ، މާލެ ސަރަހައްދުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ އެކިކަހަލަ ގޮންޖެހުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ވިޔަފާރިތަކުން ފާހަގަކުރި ގޮންޖެހުންތަކުގެ ތެރޭގައި ޕާކު ކުރުމާއި މުދާ ގުދަން ކުރުމަށް ދިމާވަމުންދާ ގޮންޖެހުންތައް ހިމެނޭއިރު، މި ކަންކަމަށް އެދެވޭނެ ޙައްލެއް ގެނެވޭނެ ގޮތްތަކާ މެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައި ދެއްވުމަށް އަދުގެ ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެ ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލު ގެނެސްދެވޭނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެއާއެކު، ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް އެކަށޭނެ ހައްލެއް ހޯދައި ދިނުމަށް މުހިންމު ޕްލޭންތަކެއް ރާވާފައިވާ ކަމަށާއި، ވިޔަފާރީގައި ޙަރަކާތްތެރިވާ އަދި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ޕްލޭންތަކެއް ރާވާފައިވާކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.

މާލެ ސަރަޙައްދުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް އެކަށޭނެ ޙައްލެއް ހޯދޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް އޮވެގެންކަން މި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވިއެވެ.