ކުޅިވަރު / ޚަބަރު
ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވައިލުމަށް "ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާޙުކޮށްފި
"ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާޙުކުރުން / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ފަރުދުން
01 އޭޕްރީލު 2026، 12:47
01 އޭޕްރީލު 2026، 12:47
ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވައިލުމުގެ ގޮތުން "ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙުކޮށްފައި ވަނީ މީރުމާގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރައްމިއްޔާތެއްގައި، ކުޅިވަރާއި ހަށިހެޔޮކަމޭބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލްއެވެ.
މި ޕޯޓަލް މެދުވެރިކޮށް ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ރެޖިސްޓަރ ކުރުމަށް ހުށަހެޅުމާއި، ހިންގާ ޤަވައިދު ހުށަހެޅުމާއި، ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށް ވެސް ފަސޭހަވެގެންދާނެކަމަށް ސްޕޯޓްސް ކޮމިޝަނުން ހާމަކުރެއެވެ.
އަދި މި ޕޯޓަލް އިފްތިތާޙުކުރުމާ ގުޅިގެން، މީގެ ކުރިން ބޭނުންކުރަމުން ދިޔަ މީސް ޕޯޓަލް ބޭނުންކުރުން ހުއްޓާލާނެއެވެ.
"ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާޙުކޮށްދެއްވުމަށްފަހު ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލް ވިދާޅުވީ، އެސޯސިއޭޝަންތަކާ އޮންނަ ގުޅުން ރަނގަޅުވުމަކީ ކޮމިޝަނުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ބާރަކަށްވާއިރު، މި ޕޯޓަލްގެ ސަބަބުން އެ ގުޅުންތައް ހަރުދަނާވެ، ކުޅިވަރާ ގުޅުންހުރި އެންމެހާ ޑާޓާތައް ފަސޭހައިން ބަލާލެވޭނެކަމަށެވެ. އަދި މިބަދަލަކީ އެސޯސިއޭޝަންތަކާއެކު ބޭއްވުނު ބައްދަލުވުންތަކުން ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު ގެނެވުނު ބަދަލެއްކަން، ސްޕޯޓްސް ކޮމިޝަނަރ ހާމަކުރެއްވިއެވެ.
އައު ޕޯޓަލްއަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޠަލާލް ވިދާޅުވީ، ކުލަބު ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތް "މީސް ޕޯޓަލް" ރިބްރޭންޑްކުރުންވީ ގޮންޖެހުންތައް ބޮޑު މަސައްކަތަކަށެވެ. އެހެންކަމުން ވަޒީރާއި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމީ އިތުރު ލުއިފަސޭހަތައް ހިމަނައިގެން މުޅިން އައު ޕޯޓަލްއެއް ފަރުމާކުރުމަށްކަމަށާއި، ޕޯޓަލް ފަރުމާކުރުމުގައި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުނުކަމަށާއި މި ޕޯޓަލްގެ ސަބަބުން ހަރުދަނާގޮތެއްގައި މުއާމަލާތްތައް ކުރެވި، ޑިޖިޓަލައިޒްވެގެންދާނެކަމަށް ޠަލާލް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތެއް މި ޕޯޓަލްގެ ތެރެއިން ލިބޭއިރު މި ބަދަލާއެކު ކުޅިވަރާ ގުޅުންހުރި މުހިންމު މުއާމަލާތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވި، މުހިންމު މައުލޫމާތުތަކާ ލިޔެކިޔުންތައް އަރުޝީފު ކުރެވިގެންދާނެއެވެ.