ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް "ޝާމިލް ލޯގޯ" ދޫކުރަން ފަށައިފި
ދިވެހިވިޔަފާރިވެރިންގެ މައުރަޒެއްގެ ތެރެއިން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ ބްރޭންޑް އައިޑެންޓިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޝާމިލް ލޯގޯ" މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ތަޢާރަފުކުރި މި ލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ނިޝާނެކެވެ.
ބީސީސީއިން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް އެހީތެރިވެދީ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް ބާރުވެރިކުރުވުމެވެ. މި ލޯގޯ އުފެއްދުންތަކުގައި ބޭނުންކުރަން ފެށުމުން، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން އުފައްދާފައިވާ މުދަލެއްކަން ކަސްޓަމަރުންނަށް ފަސޭހައިން އެނގިގެންދާނެއެވެ. މީގެ ސަބަބުން އެފަދަ ފަރާތްތަކުގެ ވިޔަފާރިއަށް އެހީތެރިވުމުގެ ފުރުޞަތު ޢާންމުންނަށް ފަހިވެ، އުފެއްދުންތެރިކަން އިތުރުކުރުމަށް ބާރަކަށް ވެގެންދާނެއެވެ.
ލޯގޯ ބޭނުންކުރުމުގެ ޝަރުޠުތައް
އުފެއްދުންތަކުގައި މި ލޯގޯ ޖެހުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށް ވާންޖެހެއެވެ. އަދި އެ އުފެއްދުމަކީ އެ ފަރާތަކުން އަމިއްލައަށް ތައްޔާރުކޮށްފައިވާ އުފެއްދުމަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން، އެއީ ވަކި ހުއްދައެއް ނަގަންޖެހޭ ބާވަތެއްގެ އުފެއްދުމެއްނަމަ، މުއްދަތު ހަމަނުވާ ހުއްދައެއް އޮންނަންވާނެއެވެ. ޚާއްޞަކޮށް ކާބޯތަކެތީގެ ބާވަތްތަކަށް ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ހުއްދަ އޮންނަންޖެހޭނެ ކަމަށް ބީސީސީއިން ބުނެފައިވެއެވެ.
ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދޭ ފޯމު ބީސީސީގެ ވެބްސައިޓު bcc.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރުމުން އެޕްލިކޭޝަން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ލޯގޯއާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ބީސީސީގެ ނަންބަރު 3305555 ނުވަތަ ހޮޓްލައިން ނަންބަރު 7913535 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. މި މަޝްރޫޢަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.