Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ އުންމީދު: ބީއެމްއެލްގެ 3،800 ފްލެޓާއެކު އާ ބާބެއް

ބޯހިޔާވަހިކަމުގެ އުންމީދު: ބީއެމްއެލްގެ 3،800 ފްލެޓާއެކު އާ ބާބެއް

އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން ބީއެމްއެލުން އިމާރާތް ކުރާ އަގުހެޔޮ ފްލެޓު މަޝްރޫއު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

farudhun logo

ފަރުދުން

01 އޭޕްރީލު 2026، 01:28

01 އޭޕްރީލު 2026، 01:28

ހުލާސާ

އިތުރު 540 ފްލެޓާއެކު ބޭންކުގެ ބޮޑު މަޝްރޫއު ފުޅާކޮށް، 2028 އަށް ނިންމަނީ

ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ ގޮންޖެހުމަކީ ބޯހިޔާވަހިކަމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިވަނީ އާ ހަރުފަތަކަށް ގެންގޮސްފައެވެ. ކުރިން ހަމައެކަނި ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދިޔަ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ މަންޒަރު މިހާރު މިވަނީ މުޅިން ބަދަލުވެފައެވެ. ރައީސްގެ ތަސައްވުރާ އެއްގޮތަށް، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިވަނީ ރިއަލް އެސްޓޭޓްގެ މި ބިޔަ މަޝްރޫއުގެ ތެރެއިން ރައްޔިތުންނަށް އުންމީދީ މެސެޖެއް ދީފައެވެ. މުޅިން އަލަށް އިތުރުކުރި 540 ފްލެޓާއެކު، ޖުމްލަ 3،800 ފްލެޓް އިމާރާތްކުރުމުގެ މި މަސައްކަތަކީ، ދިވެހި ތާރީހުގައިވެސް މާލީ އިދާރާއަކުން މިފަދަ ބޮޑު މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

އިތުރު ފްލެޓްތަކާއެކު އާ އުންމީދެއް

މި ބޮޑު މަޝްރޫއުގެ ތެރެއިން އެންމެ ފަހުން ބިންގާ އެޅީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލްކޯ ފްލެޓްތަކުގެ ފުރަގަހުގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ އާންމުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ.

"މިރޭ އަޅުގަނޑު އަނެއްކާވެސް ދޭން ބޭނުންވަނީ އުފާވެރި ޚަބަރެއް. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ހައުސިން މިނިސްޓްރީން ވަނީ މި ދެންނެވި އުސޫލުގެ ދަށުން ބީއެމްއެލް އެފޯޑެބަލް ހޯމް ލީސިންގަށް އިތުރު ހައުސިން ޔުނިޓަށް ބިން ހަމަޖައްސާފައި،" ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް، މި މަޝްރޫއު ކުރިއަށްދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ސްކީމްގެ ދަށުންނެވެ. މިކަމަށްޓަކައި ބީއެމްއެލް އިން ވަނީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" ގެ ނަމުގައި ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ. މިއީ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ނުވަތަ ލީސް-ޓު-އޯން މޮޑެލްއަށް ފަރުމާކޮށްފައިވާ، އާންމުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. މި ނިޒާމުގެ ދަށުން، އެއްފަހަރާ ބޮޑު އަދަދެއް ނުދެއްކުނު ނަމަވެސް، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ފްލެޓް މިލްކުކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދާނެއެވެ. މާލޭގެ ކުލީގެ ބާޒާރުގައި އަތްނުފޯރާ ފަށުގައި ކުލިތައް ހުރިއިރު، މި މަޝްރޫއަކީ އާމްދަނީ މަދު އާއިލާތަކަށް ނޭވާއެއް ލެވޭނެ ފަދަ ލުއި ގޮތްތަކެއް ހޯދައިދޭނެ މަޝްރޫއެކެވެ.

ބިޔަ މަޝްރޫއެއް، ބާރު ދުވެއްޔެއް

މަޝްރޫއުގެ ދުވެލި ހުރީ އާދަޔާހިލާފަށް ބާރުކޮށެވެ. ހުޅުމާލެ ފޭސް އެކެއް، ހުޅުމާލެ ފޭސް ދޭއް، ފޭސް ތިނެއް އަދި ވިލިމާލޭގައި ފްލެޓުތައް އަޅަމުންދާއިރު، މިހާތަނަށް ވަނީ 3،260 ފްލެޓެއްގެ ބިންގާ އަޅާފައެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި ބިންގާ އެޅި 1،706 ފްލެޓާއި، އޭގެ ކުރިން ބިންގާ އެޅި 1،190 ފްލެޓް ހިމެނެއެވެ. މި ބިޔަ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކުންފުނިތަކަކީ:

  • ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)
  • ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
  • އަމިން ކޮންސްޓްރަކްޝަން
  • އެފްޑަބްލިއު ކޮންސްޓްރަކްޝަން
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)


މި މަޝްރޫއުގެ އެންމެ ހާއްސަ އެއް ސިފައަކީ މިއީ ހަމައެކަނި ބީއެމްއެލްގެ ކަސްޓަމަރުންނަށް އޮތް ފުރުސަތަކަށް ނުވުމެވެ. ބީއެމްއެލްގެ ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭގެ ގަވާއިދުގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށްވެސް މި ސްކީމްގައި ކަނޑައަޅާފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ބޭންކުތަކުންވެސް މި ސްކީމްގައި ބައިވެރިވެ، ޖުމްލަ 5،000 ފްލެޓް އެޅިގެންދާނެ ކަމަށް އޭނާ އުއްމީދުކުރައްވައެވެ. މިއީ މުޅި މާލީ ދާއިރާ ގުޅިގެން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

2028 އަށް އަމާޒު ހިފުން

އަލަށް އިތުރުކުރި 540 ފްލެޓުގެ މަސައްކަތް 2028 ވަނަ އަހަރުގެ ކުރިން ނިންމާލެވޭނެ ގާބިލް ދިވެހި ކުންފުންޏަކާ ހަވާލުކުރުމަކީ ބީއެމްއެލްގެ އަމާޒެވެ. އަދި މިހާރު ބިންގާ އަޅާފައިވާ ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މުއްޠަލިބު ސިފަކުރެއްވި ގޮތުގައި މިއީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފަށައި، ނިންމައި، ރައްޔިތުންނާ ހަވާލުކުރެވޭނެ ފުރަތަމަ ހައުސިން މަޝްރޫއެވެ. ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ އެތައް ހާސް ރައްޔިތުންނަކަށް މިއީ އާ އުންމީދެކެވެ. ކުލީގެ އަޅުވެތިކަމުން މިންޖުވެ، ރައީސްގެ ތަސައްވުރާ އެއްގޮތަށް އަމިއްލަ ފުރާޅެއްގެ ދަށުގައި ދަރިން ބޮޑުކުރުމުގެ ހިތްހަމަޖެހުން، މި މަޝްރޫއުގެ ސަބަބުން އެތައް އާއިލާތަކަކަށް ލިބިގެންދާނެއެވެ

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި