ދުނިޔެ
އީރާނުން އަވަށްޓެރި ގައުމުތަކަށް ދޭ ހަމަލާތަކުން ގިނަ ރަތް ރޮނގުތަކެއް ހުރަސްކޮށްފި ކަމަށް ގަތަރުން ބުނެފި
ގަތަރުގެ ފޮރިންގ މިނިސްޓަރުގެ ސްޕޯކްސްޕާސަން
އީރާނުން އަވަށްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތަކުގައި ގިނަ "ރަތް ރޮނގުތަކެއް" ހުރަސްކޮށްފައިވާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ މަސްރަހު ފިނިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަލް އަންސާރީ ވިދާޅުވި ގޮތުގައި އީރާނުން ގަތަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ވަނީ "ބޮޑެތި ގެއްލުންތަކެއް" ލިބިފައެވެ. އަދި ނިއުކްލިއާ ނުވަތަ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވަމުން، އިތުރަށް މަސްރަހު ގޯސްވެއްޖެ ނަމަ ހުރިހާ ފަރާތްތަކަކަށް ވެސް ލިބޭ ގެއްލުން ބޮޑުވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ މި ހަނގުރާމައިގައި ބައިވެރިނުވާ ސަރަހައްދީ ގިނަ ގައުމުތަކަކަށް ހަމަލާދީފައެވެ. އޭގެ ތެރޭގައި ގަތަރު، އިރާގު، ސީރިއާ، ޔޫއޭއީ، ސައުދީ އަރަބިއްޔާ، ބަހްރޭން، އޮމާން، އުރުދުން އަދި ކުވެއިތު ހިމެނެއެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުން އަމާޒުކުރަނީ އަވަށްޓެރި ގައުމުތަކަށް ނޫން ކަމަށާއި، އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި އެއާޕޯޓްތަކާއި ބަނދަރުތައް ފަދަ އާންމު ވަސީލަތްތަކަށް ގެއްލުންވެ، މީހުން މަރުވަމުންދާތީ އެ ގައުމުތަކުން ދަނީ ހަމަލާތައް ކުށްވެރިކުރަމުންނެވެ.
ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލް އަންސާރީ ވިދާޅުވީ، ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ މަސައްކަތްތަކުގައި ގަތަރު ސީދާ ބައިވެރިނުވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ އެ މަސައްކަތްތަކަށް ގަތަރުން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އޭގެ ސަބަބުން ސަރަހައްދަށް ދާއިމީ ސުލްހަ އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުން ވަނީ ތުރުކީ، ސައުދީ އަރަބިއްޔާ އަދި މިސްރާއެކު މިދިޔަ އާދީއްތަ ދުވަހު ހަތަރު ފަރާތް ބައިވެރިވާ މަޝްވަރާތަކެއް ބާއްވާފައެވެ. އަދި އަންގާރަ ދުވަހު ޕާކިސްތާނާއި ޗައިނާ ގުޅިގެން ވަނީ ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ފަސް ނުކުތާގެ އިސްނެގުމެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
މި މަސައްކަތްތައް ހިނގަމުންދާއިރު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަން ބޭނުންވި ނަމަވެސް، އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.