ޚަބަރު
އަސާސީ ބޭސް ހޯދުމަށް އެހީތެރިވުމަށް ދައުލަތުގެ ބޭސް ކުންފުނިން ހޮޓްލައިނެއް ތަޢާރަފްކޮށްފި
ބޭސް ފިހާރައެއް---
ފަރުދުން
01 އޭޕްރީލު 2026، 04:14
01 އޭޕްރީލު 2026، 04:14
އަސާސީ ބޭސް ހޯދުމަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ހޮޓްލައިނެއް ތަޢާރަފްކޮށްފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މި ޚިދުމަތް ލިބޭނެއެވެ.
އެގޮތުން، އެ ކުންފުނީގެ ހޮޓްލައިން 1505އިން، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުންފުނިން ވިދާޅުވީ މި ނަންބަރުގެ ތައާރަފްކޮށްފައިވަނީ ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އަދި ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ވެސް މި ހޮޓްލައިނުން އެހީތެރި ވެދޭނެކަމަށް ވަނީ ހާމަކޮށްފައެވެ.
ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތައް ހުރިހާ ސަރަހައްދަކުން ކޮންމެ ވަގުތަކުވެސް، ހިއްސާކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުމަށް ތައާރަފް ކުރި ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޚިދުމަތާއެކު ރައްޔިތުންގެ ބޭހުގެ ކަންކަމުގައި ބޭނުންވާ ކަންކަން ދެނެގަންނަން ފަސޭހަވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އަސާސީ ބޭހުގެ އިތުރުން އެހެން މަރުހަލާތަކަށް ބަހާލައިގެން އިތުރު ބޭސްތައް ހޯދުމާއި އެހެނިހެން ޚިދުމަތްތައް އެދުމަށް މަގުފަހިކޮށްދެވޭނެކަމަށް، ދައުލަތުގެ ބޭސް ކުންފުނިން ހާމަކުރެއެވެ.
އެ ކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނި މެދުވެރިކޮށް ބޭސް ހޯދަން އޯޑަރު ކުރުމުން، އެ ބޭސް އެ ފަރާތްތަކާއި އެންމެ ގާތް ފާމަސީއެއް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެ ކުންފުނި އުފެއްދެވީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުންނެވެ. މިކުންފުންޏާއެކު ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުންފުނީގެ މަސައްކަތްތައް މިހާރު ފަށާފައިވާކަން ހާމަކޮށްފައެވެ.