ދުނިޔެ
އިސްރާއީލުން ބައިރޫތަށް ދިން ހަމަލާތަކެއްގައި 7 މީހުން ޝަހީދުވެއްޖެ، ދެކުނު ލުބުނާނުގައި ވަރުގަދަ ކުރިމަތިލުންތަކެއް
އިސްރާއިލުން ބެއިރޫތަށް ހަމަލާދިނުން
އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށާއި ކައިރީގައިވާ ރަށްތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ހަތް މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ހާމަކޮށްފިއެވެ.
މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ދެކުނުން އެގައުމަށް އަރައިގަނެގެން އުޅޭ އިސްރާއީލުގެ ފައުޖުތަކާ ދެކޮޅަށް ހިޒްބުالله އިން ވަރުގަދައަށް ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި، ބައިރޫތުގެ ޖުނާހް ސަރަހައްދަށް ބުދަ ދުވަހު ދިން ހަމަލާއެއްގައި ފަސް މީހުން ޝަހީދުވެ 21 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ ބައިރޫތުގެ ދެކުނުން އޮންނަ ޚަލްދޭއަށް ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ ތިން މީހަކު ޒަހަމްވިއެވެ. މި ހަމަލާތަކާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މިއީ ވަކި އުޅަނދުތަކަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ މި ހަމަލާތަކުގެ މަގްސަދަކީ ހިޒްބުاللهގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލުން ކަމަށެވެ. ނަމަވެސް، ހިޒްބުالله އިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި ހަމަލާ ދިން ސަރަހައްދަކީ ކައިރީގައި ސްކޫލެއް ހުރުމުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެކުނު ލުބުނާނުގެ މަސްރަހަށް ބަލާއިރު، ހިޒްބުالله އިން ބުނެފައިވަނީ ބޯޑަރާ 5 ކިލޯމީޓަރު ދުރުގައި އޮންނަ ޝަމާއު އަވަށުގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް "ވަރުގަދަ ކުރިމަތިލުންތަކެއް" ހިނގަމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް 40 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލުގެ 10 ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖު (UNIFIL) ގެ ތިން މީހަކުވެސް މި ހަފްތާގައި ވަނީ މަރުވެފައެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދެކުނު ލުބުނާނަށް އަރައިގަނެފައިވާ އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް އަސްކަރިއްޔާއަށް އަމުރުކޮށްފައެވެ.