Ads by PNC

ޚަބަރު

ރައީސްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ ބިންގާއަޅައިފި

ރައީސްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ ބިންގާއަޅައިފި

ބިންގާއެޅުން/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޭޕްރީލު 2026، 06:21

02 އޭޕްރީލު 2026، 06:21

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ހދ. ކުޅުދުއްފުށީގައި އަލަށް ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ ބިންގާއަޅައިފި އެވެ.

މިއީ ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ހައުސިންގ ޔުނިޓުތަކުގެ ބިންގާއަޅުއްވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓެޔަރޑު) އަލީ ޒުހައިރުއާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު އާއި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑް ގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ އެވެ. 

އެޗްޑީސީން ވިދާޅުވީ، ޢާއިލީ ބޯހިޔާވަހިކަމަށް އިސްކަންދީގެން އަލަށް ބިންގާއެޅިގެން ދިޔަ މި މަޝްރޫޢުގެ ދަށުން، 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 1856 ފްލެޓު ތަރައްޤީކުރުމުގެ އިތުރުން، އެރަށުން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނީ 3 ކޮޓަރީގެ އެޕާޓްމަންޓުތައްކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށް، އެ ރަށުގައި 2000 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވީއިރު، އެ މަޝްރޫޢު ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

އެޗްޑީސީގެ އަމާޒަކީ، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމައި، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450