ޚަބަރު
އޯޓިޒަމް ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު އޮތްކަން ރައީސް ހާމަކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
އޯޓިޒަމް ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ފޮނުއްވި މެސެޖުގައެވެ.
ރާއްޖޭގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ފަރާތްތަކާއެކު ދިވެހި ސަރުކާރު ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޯޓިޒަމަކީ މުޖުތަމަޢުގެ ސިންދަފާތުގެ ތެރެއިން ހިމެނޭ މުހިންމު ބައެއް ކަމަށެވެ. އަދި ކޮންމެ ފަރުދަކީވެސް އެހެން މީހުންގެ ބަލައިގަތުމާއި، އިހުތިރާމާއި، އުނގެނުމަށާއި ކުރިއެރުމަށް ބޭނުންވާ ހަމަހަމަ ފުރުޞަތުތައް ލިބި، މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ މީހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
On World Autism Awareness Day #WAAD, the Maldives stands with individuals with autism and their families across our islands. #Autism is part of the rich diversity of our communities, and every individual deserves understanding, respect, and equal opportunities to learn, grow,…
— Dr Mohamed Muizzu (@MMuizzu) April 2, 2026
މީގެ އިތުރުން، ގޭބިސީތަކާއި، މަދަރުސާތަކާއި، ވަޒީފާގެ މާހައުލުތަކުގެ އިތުރުން ޢާންމު ހުރިހާ ތަނެއްގައި އެންމެން ޝާމިލުކުރުމުގެ ރޫހު އާލާކުރެވޭނީ، ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި މިކަމަށްޓަކައި އެޅޭ މާނަހުރި ފިޔަވަޅުތަކުގެ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ފަރާތްތައް ކުރީބައިގައި ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޝާމިލު ތަޢުލީމާއި، މުޖުތަމަޢުގެ ބަލައިގަތުމުގެ އިތުރުން، އަމިއްލަ ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މުޅި ޤައުމުގެ އިޖުތިމާޢީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ސްކޫލްތަކުގައި ޝާމިލު ތަޢުލީމުގެ އޮނިގަނޑު ހަރުދަނާކުރުމަށާއި، ފަންނީ ތަމްރީނުތައް ފުޅާކުރުމުގެ އިތުރުން، އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ އެއާއެކު، އިންސާނީ ކަރާމާތާއި، އެކަކު އަނެކަކު ބަލައިގަތުމާއި، އަދި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމުގައި ހުރިހާ ރައްޔިތުން ސާބިތުކަމާއެކު ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.