ޚަބަރު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޑިއުޓީ ފްރީއެއް ހުޅުވުމުގެ ތައްޔާރީތައް ފަށައިފި
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައިނަލްއަޤުވާމީ ފެންވަރުގެ ޑިއުޓީ ފްރީ ފޮޓޯ: އެމްއޭސީއެލް
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ޤާއިމުކުރުމަށް ބޭނުންވާ ތައްޔާރީތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބާރުމިނުގައި ފަށައިފިއެވެ.
މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ލަގްޒަރީ ރީޓެއިލްގެ ޚިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކުރުމެވެ. މީގެ ސަބަބުން ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ރާއްޖޭގެ ދެކުނުގެ ވިޔާފާރީގެ ފުރުސަތުތައް ފަހިވެ، ފަތުރުވެރިކަމާއި އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މިއީ ރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. މި އައު ޑިއުޓީ ފްރީއާއެކު، ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ވައިގެ ރޫޓުތައް ދެކުނުގެ ވިއުގައަށް ތަޢާރަފްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. އެގޮތުން މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގައެވެ.
މި މަސައްކަތަކީ އައްޑޫސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ގެންގުޅޭ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. އަދި މިއީ ރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔޭގެ ފެންވަރަށް އުފުލާލައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސްޓްރެޓީޖިކް ޕްލޭންގެ މުހިންމު ބައެކެވެ.
މި އައު ބަދަލާއެކު، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ އިޤްތިޞާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު މަންޒިލަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.