ޚަބަރު
މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްޓީސީސީ
މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢުގެ ދަށުން، މަޑުއްވަރީ އައު ބަނދަރު ކޮނުމާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމަ އެއާއެކު، 218 މީޓަރު ބްރޭކްވޯޓަރ ޖެހުމާއި، 11 މީޓަރު ސަބްމަރޖްޑް ބްރޭކްވޯޓަރ ޖެހުމާއި، 329 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 158 މީޓަރ ގްރޮއިން ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، 312 މީޓަރު ކީވޯލް ޖެހުމާއި، 13 މަގުބައްތި ހަރުކުރުމާއި، 1560 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 4.1 ހެކްޓަރުގެ ބިން ހިއްކުމަށް މި މަޝްރޫޢުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭގައި އެއްކޮށް ނިންމުމަށެވެ.