ދުނިޔެ

އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދީ، އެ ޤައުމު "އިހު ޒަމާނަށް" ފޮނުވާލާނަން : ޓްރަމްޕް

އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދީ، އެ ޤައުމު "އިހު ޒަމާނަށް" ފޮނުވާލާނަން : ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 އޭޕްރީލު 2026، 05:03

02 އޭޕްރީލު 2026، 05:03

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކަނޑައަޅާފައިވާ އަސްކަރީ ލަނޑުދަނޑިތައް ގާތްގަނޑަކަށް ހާސިލްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްއިން ބުދަ ދުވަހު ދެއްވި ޓީވީ ޚިޠާބެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު އެމެރިކާއިން ކަނޑުވާލާފައިވާ ކަމަށެވެ.

19 މިނެޓަށް ދެމިގެންދިޔަ މި ޚިޠާބުގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ މަސައްކަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީ ބަލިކަށިކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، މި ހަނގުރާމަ މުޅިން ނިމުމަކަށް އަންނާނެ ސީދާ ތާރީޚެއް ހާމަކުރެއްވުމުގެ ބަދަލުގައި، ޓްރަމްޕް ވިދާޅުވީ ވަރަށް އަވަހަށް މި މަސައްކަތް ނިންމާލާނެ ކަމަށެވެ. އަދި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އީރާނުގެ ތެލާއި ކަރަންޓުގެ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވިދެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދީ، އެ ޤައުމު "އިހުގެ ޒަމާނަށް"  ފޮނުވާލާނެއެވެ.

މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ފަހުގެ ސާވޭތަކުން ދައްކާ ގޮތުގައި، ގިނަ ރައްޔިތުން ބޭނުންވަނީ ހުރިހާ މަޤްޞަދުތަކެއް ހާސިލް ނުވި ނަމަވެސް، ވީ އެންމެ އަވަހަކަށް މި ހަނގުރާމަ ނިންމާލުމަށެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ "ސްޓްރެއިޓް އޮފް ހޯރްމުޒް" އީރާނުން ބަންދުކުރަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ސަރަޙައްދު ހުޅުވުމުގެ އިސްނެގުން ޚަލީޖުގެ ޤައުމުތަކުން ނަގަންޖެހޭނެ ކަމަށެވެ. އަދި މިކަމުގައި އެމެރިކާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ހަނގުރާމައިގައި ނޭޓޯ ގެ ބައިވެރިންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭތީ ޓްރަމްޕް ވަނީ އެ އިއްތިހާދަށް ފާޑުވިދާޅުވެފައެވެ.

އީރާނުގެ އަސްކަރީ ބާރު ކަނޑުވާލާފައިވާ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، ދޯހާ އާއި ތެލް އަވީވްގައި ދާދި ފަހުން ވައިގެ ހަމަލާގެ އިންޒާރުދޭ ސައިރަންތައް ވަނީ ގޮއްވާފައެވެ. މިއީ އީރާނުގެ ހަމަލާދިނުމުގެ ގާބިލްކަން އަދިވެސް ހުރިކަން ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، އެމެރިކާގެ އިތުރު އެތައް ހާސް ސިފައިންނެއް ޚަލީޖު ސަރަޙައްދަށް ދަތުރުކުރަމުންދާކަމީ، ހަނގުރާމަ އަދި ނިމުމާ ގާތް ނުވާކަމުގެ ނިޝާނެކެވެ.

ޓްރަމްޕްގެ މި ޚިޠާބުގައި، މި ހަނގުރާމައަކީ އިރާގު، ވިއެޓްނާމް އަދި ކޮރެއާ ހަނގުރާމަ ފަދަ ދިގުދެމިގެންދާނެ ކަމެއްގެ ގޮތުގައި ދެކުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި ނަމަވެސް، ހަނގުރާމަ ނިމޭނެ ގޮތަކާ މެދު ސާފު މަގުޗާޓެއް ހުށަހަޅުއްވާފައެއް ނުވެއެވެ. މީގެ ސަބަބުން އެމެރިކާގެ ރައްޔިތުންނާއި ބައިވެރި ޤައުމުތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450