ވިޔަފާރި / ޚަބަރު
މާލީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ބޭންކުގައި ޑޮލަރު ހުރިކަމަށް ބީއެމްއެލްއިން ހާމަކޮށްފި
ބޭންކް އޮފް މޯލްޑިވްސް / ފޮޓޯ: ބީއެމްއެލް
ފަރުދުން
02 އޭޕްރީލު 2026، 09:52
02 އޭޕްރީލު 2026، 09:52
މާލީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ބޭންކުގައި އެމެރިކާ ޑޮލަރު ހުރިކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާމަކޮށްފިއެވެ.
އެ ބޭންކުން ބުނީ، އެމެރިކާ ޑޮލަރުގެ ލިކުއިޑިޓީ ހިފަހައްޓަނީ ތަފާތު ފަންޑިން ވަސީލަތްތަކާއި ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއިއެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ކަމަށެވެ. އެހެންކަމުން އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވާކަމަށް ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ކުންފުނިތަކުގެ ބޭނުންތަކަށް ޓްރާންސްފާތައް ހެދުމާއި ކާޑުތަކުގެ މުއާމަލާތްތައް ހިމެނޭހެން، ޖުމްލަ 600 މިލިޔަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރުގެ ވިޔަފާރި މުޢާމަލާތް ކޮށްފައިވާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް 2024އިން ފެށިގެން މިހާތަނަށް 365 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކޮށްފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ މުޢާމަލާތްތަކާއެކު 2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ އެމެރިކާ ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20 އަށް ވެއްޓިފައިވާ ކަމަށށް ބީއެމްއެލްއިން ހާމަކުރެއެވެ. އެގޮތުން 2024ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިޔަން ޔޫއެސް ޑޮލަރު އިތުރަށް ވަނީ ވިއްކާފައެވެ.
ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ. މިއީ ބޭންކުން އެމެރިކާ ޑޮލަރ ދޫކުރުމަށް ހުރި ޤާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ.
ބޭންކުން އަންނަނީ ދިވެހީންގެ އެކި ބޭނުންތަކަށް އެކަށޭނަ މިންވަރަށް ބޭރު ފައިސާ ވިއްކަމުންވެ. އެގޮތުން ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުގެ އިތުރަށް، ބޭސް ފަރުވާގެ ކަންކަމަށް ވެސް އެ ބޭންކުން އަންނަނީ އެމެރިކާ ޑޮލަރު ފޯރުކޮށްދެމުންނެވެ.