ޚަބަރު
އިތުރު ލޯނެއް ނުނަގައި ސުކޫކު ދެއްކުމަކީ ޤައުމުގެ އިޤުތިޞާދީ ޙާލަތަށް ލިބުނު ލުޔެއް: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ރައީސް ނަޝީދު---
ފަރުދުން
02 އޭޕްރީލު 2026، 10:17
02 އޭޕްރީލު 2026، 10:17
އިތުރު ލޯނެއް ނުނަގައި ސުކޫކު ދެއްކުމަކީ ޤައުމުގެ އިޤުތިޞާދީ ޙާލަތަށް ލިބިގެން ދިޔަ ބޮޑު ލުޔެއްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓު ހޯއްދެވުމަށް ބުރަކޮށް އުޅުއްވަމުން ވެސް، ސްކޫކު ބޮންޑު އަނބުރާ ދެއްކިކަން މާލީކަންކަމާއި ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރިތާ މާގިނައިރުތަކެއް ނުވަނީސް ރައީސް ނަޝީދު މިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެގައި އެކަމަށް ތާޢީދު ކުރައްވާފައެވެ.
އިތުރު ދަރަންޏެއް ނުނަގައި، ސަރުކާރުން ސުކޫކް ބޮންޑަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ނިންމާލުމަކީ، ޤައުމުގެ އިޤުތިޞާދީ ހާލަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ހިތްވަރެއް.
ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.
މި ސުކޫކަކީ، ރައީސް އަބްދުالله ޔާމީން ވެރިކަމުގައި ހުންނެވިއިރު ނެންނެގި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ނެންގެވި ބޮންޑެކެވެ. މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2021ވަނަ އަހަރު މި ބޮންޑު ނެންގެވީ، އޭރުގެ ސަރުކާރުން މި ބޮންޑު އަދާކުރާނެ ސިޔާސަތެއް ނެތިއެވެ. އަދި މި ބޮންޑު ނަންގަވާފައި ވަނީ އޭރު މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑު އަގެއްގައިކަން މާލީ ވުޒާރާއިން ހާމަކުރެއެވެ.
މިކަމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދުނު ކަމެކެވެ. އަދި ރައީސް ނަޝީދަކީ މިކަމަށް ދެކޮޅު ހެއްދެވި އެއް ބޭފުޅެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މި ފައިސާ ދެއްކުމަށް ބޯމަތިވަމުން ދިއުމާއެކު، ސަރުކާރުން މަސައްކަތް ކުރަމުން އައީ ރާއްޖޭގެ އިޤުތިޞާދަށާއި މާލިއްޔާއަށް ބުރަބޮޑުނުވާގޮތަށް މި ފައިސާ އަނބުރާ ދެއްކުމަށެވެ.
އެގޮތުން މިކަމަށް ލިބުނު އެންމެ ބޮޑު ލުޔަކީ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުންކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، އެއާރޕޯޓު ތަރައްޤީ ކުރުމަށް އެސްޑީއެފްއަށް ނަގަމުން އަންނަ ފީ 2024 ވަނަ އަހަރު ބޮޑުކުރުމަކީ ވެސް މިކަން އިތުރަށް ފަސޭހަވެގެން ދިޔަ ކަމެކެވެ.