ޚަބަރު
މަޝްރޫޢުތައް ހަލުވި ކުރުމަށް ގިނަ އަދަދެއްގެ މެޝިނަރީތަކެއް އާރުޑީސީއިން ގެނެސްފި
އާރުޑީސީއަށް ގެނަސްފައިވާ ބައެއް މެޝިނަރީތައް ފޮޓޯ: އާރުޑީސީ
ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށް ބޭނުންވާ ގިނަ މެޝިނަރީޔަކެއް، ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގެނެސްފިއެވެ.
މި ތަކެތި ރާއްޖެ ގެނެސް، އިފްތިތާޙުކުރުމަށް މިއަދު ހަވީރު ވަނީ ތިލަފުށީގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ތަކެތި ރާއްޖެ ގެނެސްފައި ވަނީ ޗައިނާގެ އެކްސް.ސީ.އެމް.ޖީއާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) މެދުވެރިކޮށެވެ.
މިދިޔަ ފެބުރުއަރީ މަހު އެކުލަވާލި މި އެއްބަސްވުމާއެކު، އާރުޑީސީއަށް މިހާރު ވަނީ އެއްފަހަރާ ގިނަ މަޝްރޫޢުތައް ފަށަން ބޭނުންވާ 230 މެޝިނަރީ ގެނެސްފައެވެ. މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ ތަނެއް ހުޅުވުމަށް ޗައިނާގެ އެ ކުންފުނިން ވަނީ ނިންމާފައެވެ.
މެޝިނަރީ ރާއްޖެ ގެނެސް، އިފްތިތާޙުކުރުމަށް ތިލަފުށީގައި ބޭއްވި ޖަލްސާ / ފޮޓޯ: އާރުޑީސީ
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ މިހާރު ގެނެސްފައިވާ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާއި ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.
ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީ އާއި އާރްޑީސީއާ ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފަވާއިރު، ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް އަންނަނި ހިންގަމުންނެވެ. އެގޮތުން ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގައި ލަފާފުރުމުގެ މައްސަލަތައް ޙައްލުކުރުމުގެ މަޝްރޫޢުތަކާއި މަގު ހެދުމާއި ބިންހިއްކުމާއި އަދިވެސް މުހިންމު ދާއިރާތަކުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.