ޚަބަރު
މަޖިލީހުގެ ރުހުން ނެތި ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭނެ އިސްލާޙު ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ކުރިއަށް ދަނީ. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްެވެސް ކަމެއް ނުކުރެވޭނެ ގޮތައް ޤާނޫނުއަސާސީއަށް ހުށައެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުންނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކުއެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 13 މެމްބަރެކެވެ.
މީގެކުރިން ޤާނޫނުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެތޭރޭ ކަނޑާއި ދިވެހިރާއްޖޭގެ އާކިޕެލިޖިކް ކަނޑާއި ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ރުހުން ހޯދުމަށްފަހުގައިކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ.
މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް އޮތީ ފަހިވެފައެވެެ.
ނަމަވެސް މިހާރު ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާޙުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންކަމަކަށް ވަނީ ބަޔާންކޮށްފައެވެ. ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް އިސްލާޙުގައިވެއެވެ.
މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް ހަނިވެގެންދާނެއެވެ. އެގޮތުން މިދިޔަ ސަރުކާރުން ޢަމަލުކުރި ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަން މިސަރުކާރުން ހާމަކޮށްފައިވެއެވެ.