ޚަބަރު
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށްދޭ ޚާއްޞަ ފަރުވާތައް ފަށައިފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށްދޭ ޚާއްޞަ ފަރުވާތައް ފެށުން ފޮޓޯ: އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި (އޭއީއެޗް) ހިތުގެ ބަލިތަކަށް ބޭނުންވާ މުހިންމު ފަރުވާތަކެއް ކާމިޔާބުކަމާއެކު ފަށައިފިއެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރާއި އޭއީއެޗް ގުޅިގެން މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށް ގެންދިޔަ މި ޚާއްޞަ މަސައްކަތުގެ ތެރެއިން، މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް ވަނީ ފަށާފައެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާގައި ހޯދުނު ތާރީޚީ ބޮޑު ކާމިޔާބީއެކެވެ.
މި ދަތުރުގެ ތެރޭގައި ހިތުގެ މައްސަލަތަކަށް ބޭނުންވާ އިތުރު މުހިންމު ފަރުވާތައް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އޭގެ ތެރޭގައި ހިތުގެ ވިންދު ރަނގަޅު ކުރުމަށް ލައްވާ "ޕާމަނަންޓް ޕޭސްމޭކަރ" އާއި "އައި.ސީ.ޑީ" ހަރުކުރުމުގެ ޚިދުމަތް ހިމެނެއެވެ. ތިން ދުވަހުގެ މި މަސައްކަތުގެ ތެރޭގައި ޖުމްލަ 11 އެންޖިއޯގްރާމާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ގިނަ ބަޔަކަށް ވަނީ ދީފައެވެ.
މިއީ ސިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ޚިދުމަތްތައް އައްޑޫގައި ފެށުމާއެކު، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި ހާޓް އެޓޭކް ފަދަ ކުއްލި ޙާލަތްތަކުގައި ބޭނުންވާ އަވަސް ފަރުވާގެ ޔަޤީންކަން ދެކުނުގެ ރައްޔިތުންނަށް މިހާރު މިވަނީ ކަށަވަރުވެގެން ގޮސްފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން 2026 މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށްގެންދިޔަ ދަތުރަކީ، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚުގައި ހޯދުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެއް.… pic.twitter.com/KEzaakeJ3j
— Haleem (@22halex) April 2, 2026