ޚަބަރު
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑުނު މައްސަލަ ފެނަކައިން ތަހުގީގު ކުރަން ފަށައިފި
އައްޑޫ ސިޓީ ފޮޓޯ: ޓައިމްސް އޮފް އައްޑޫޫ
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ރޭގެ ވަގުތެއްގައި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ރޭ މެންދަމު 1:45 ހާއިރުއެވެ. ކަރަންޓު ކެނޑުމާ ގުޅިގެން، އެ ކުންފުނީގެ އިންޖިނިއަރުން ވަނީ ވަގުތުން ހިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން، ދިމާވި މައްސަލަ ހައްލުކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ހުރިހާ އަވަށްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދީފައެވެ.
ކަރަންޓު ދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާ ގުޅޭގޮތުން އިތުރަށް ތަހުގީގު ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ. އެހެންކަމުން، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މެންދަމުގެ ވަގުތެއްގައި ކަރަންޓު ކެނޑުމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ފެނަކައިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީއަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ނުވަތަ ކެޕޭސިޓީ އެ ކުންފުނީގައި އެބަހުރި ކަމަށާއި، ހިދުމަތް ދިނުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.