Ads by Exprox

ޚަބަރު

ބީކޭއެމްޔޫގެ މެމްބަރުންނާއި ރައީސް ޑރ މުޢިއްޒު ބައްދަލުކުރައްވައިފި!

ބީކޭއެމްޔޫގެ މެމްބަރުންނާއި ރައީސް ޑރ މުޢިއްޒު ބައްދަލުކުރައްވައިފި!

ރައީސް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެމްބަރުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 03:56

02 ސެޕްޓެމްބަރު 2024، 03:56

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެމްބަރުންނާއި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސް މުޢިއްޒު ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ. އަދި ޔޫނިއަނުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމަށެވެ.

އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމުލަ ގޮތެއްގައި ޙައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބީކޭއެމްޔޫ މެންބަރުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމަށް ރައީސް މުއިއްޒު ފުރުޞަތު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި އެޔޫނިއަންގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކޮށްފައެވެ.

އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަޙައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި އެ އެޔޫނިއަނުން ވަނީ "ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ޚާއްޞަ ބޮއި ހޯދައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަޙައްދުތައް ރައްކާތެރިކޮށްދެއްވުމަށް އެދިފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު އާއި މަސްވެރިކަމާ ބެހޭ ވަޒީރާއި އެވުޒާރާގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީކޭއެމްޔޫ ގެ މެންބަރުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ގެނެވެންހުރި ޙައްލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫ ގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco