Ads by Exprox

ޚަބަރު

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީއިން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީއިން ފާސްކޮށްފި

2025 އަށް ލަފާކޮށް ހުށައަޅައިފައިވާ ބަޖެޓް ފޮތް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2024، 09:03

20 ނޮވެމްބަރު 2024، 09:03

އަންނަ 2025ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ބަޖެޓް ކޮމިޓީއިން ފާސްކޮށްފިއެވެ.

ބަޖެޓް ކޮމިޓީއިން ބަޖެޓް ފާސްކޮށްފައިވަނީ ސަރުކާރުން ހުށައެޅި ގޮތައް އެއްވެސް ބަދަލެއް ނުގެނެސް ކަމަށްވިޔަސް، މަޝްރޫޢުތަކުގެ ތަފްސީލް މަޖިލީހަށް ދިނުމަށް ވަނީ ޝަރުތު ކޮށްފައެވެ.

މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ކޮމިޓީގައި ވަނީ އެ ބަޖެޓަށް ވޯޓަށް އަހާފަ އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެން 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވަނީ ބަޖެޓް ފާސްކުރަން ވޯޓު ދެއްވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު ޢަދަދެއްކަން ފާހަގަކޮށްލަންޖެހެއެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ ޢަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.


2025 އަށް ލަފާކޮށް ހުށައަޅައިފައިވާ ބަޖެޓުގެ ތަފްސީލް

  • ޖުމްލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ
  • އާމްދަނީ: 39.8 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
  • ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓު


ބަޖެޓު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަނީ ބަޖެޓާ ގުޅޭ ގޮތުން ޖެނެރަލް ރިކޮމެންޑޭޝަންތައް ހުށަހަޅުއްވައިފަ އެވެ.

އެގޮތުން ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުމަށް ނާޒިމް ވަނީ ހުށައަޅުއްވައިފައެވެ. މީގެއިތުރުން ޢަމަލީ މަސައްކަތް ނިންމާނެ ކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް ނާޒިމް ވަނީ ހުށައަޅުއްވައިފައެވެ. މީގެއިތުރުން ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫޢުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫޢުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ހުށަހެޅުމަށާއި، ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުމަށް ނާޒިމް ވަނީ ހުށައަޅުއްވައިފައެވެ. 

އެ ރެކޮމެންޑޭޝަންތަކަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއިދު ކުރެއްވުމުން، ވޯޓަށް އެހުމުން 18 މެންބަރުންގެ އިއްތިފާޤުން އެރެކޮމެންޑޭޝަންތައް ވަނީ ފާސްކޮށްފައެވެ. އެ ރެކޮމެންޑޭޝަންތަކާއެކު ބަޖެޓު ފާސްކުރަން ކޮމިޓީގައި ވޯޓަށް އެހުމުން، 15 މެންބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓު ދެއްވައިފައެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، މި ހުށަހެޅުންތައް ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ނެތުމުން ކަމަށެވެ. ނާޒިމް ވިދާޅުވީ ފައިދާ ނުވާނެ ކަމަށް ބެލެވޭ ކުންފުނިތަކަށް އުވާލުމަށްފަހު އެފިޝަންސީ އިތުރު ކުރުމަށް، ކުންފުނިތައް އިސްލާޙް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ތާވަލަކާއި އޭގެ ދަށުން އަޅާނެ ފިޔަވަޅުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. 
މި ބަޖެޓްގައި ބޯހިޔާވެހި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ބަޖެޓަށް ސަރުކާރުން ކިޔައިފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco