ޚަބަރު
މިއަދު އެމްޑީޕީން ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދުގަންނަންޖެހޭނެ: ޝަކީލް
މުޙައްމަދު ޝަކީލް/ފޮޓޯ: ސަން
މިއަދު އެމްޑީޕީން ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދުގަންނަންޖެހޭނެކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިފަދައިން ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން އެއްވެސް ފައިދާއެއް ނުވާނެ ޚަރަދުތަކެއް ކުރުމަށް ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު އަދުގެ ސަރުކާރުން ދައްކައި ޚަލާސްކުރުމާ ގުޅިގެންނެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ބޮޑެތި ޢަދަދުތަކުން ޤައުމު ދަރުވާލައި ޤައުމު ބަނގުރޫޓުވުމާ ދިމާލަށް ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދަރަނިތައް ދައްކައި ޤައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން، އެމްޑީޕީ ސަރުކާރުން ދިވެހި ޤައުމާއި ރައްޔިތުންނަށް މިވަރުގެ ބޮޑު ޚިޔާނާތެއްވުމަށްފަހު، މިއަދު އެމްޑީޕީން ދިވެހި ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދުގަންނަންޖެހޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މި ސުކޫކުގެ ރަހުނެއްގެ ގޮތުގައި ބަހައްޓާފައިވާ 140 މިލިއަން ޑޮލަރުގެ އަގުހުރި ދަރުމަވަންތަ ހޮސްޕިޓަލް ވަނީ އެއްކޮށް މިނިވަންވެފައެވެ. މިއީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް މުއްދަތު ހަމަވާގޮތަށް އޮތް ބޮޑު ދަރަންޏަކަށްވީއިރު، މި ދަރަނި އަދާކުރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމަށާއި، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު ދެމެހެއްޓުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާޞްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ދިރުމެކެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އޮތް އިތުބާރު ވަނީ އާލާވެފައެވެ.