ދުނިޔެ

މާރިޗު މަހުން ފެށިގެން އީރާނުގެ ސިއްހީ މަރުކަޒުތަކަށް 20 އަށްވުރެ ގިނަ ހަމަލާދީފި: ޑަބްލިއުއެޗްއޯ

މާރިޗު މަހުން ފެށިގެން އީރާނުގެ ސިއްހީ މަރުކަޒުތަކަށް 20 އަށްވުރެ ގިނަ ހަމަލާދީފި: ޑަބްލިއުއެޗްއޯ

އީރާނުގެ ގާންދީ ހޮސްޕިޓަލް ކުރިމަތީގައި އީރާނުގެ މެޑިކަލް އޮފިސަރުންތަކެއް އަޑުއުފުލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 12:13

04 އޭޕްރީލު 2026، 12:13

މި އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އީރާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް 20 އަށްވުރެ ގިނަ ހަމަލާދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

 މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އެންމެ ދުވަސްވީ އެއް ރިސާޗް ސެންޓަރު ކަމަށްވާ ޕާސްޓަރ އިންސްޓިޓިއުޓަށް ދިން ހަމަލާތަކުގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހިދުމަތް ދިނުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. މީގެ އިތުރުން ދެލާރާމް ސީނާ ސައިކިއޭޓްރިކް ހޮސްޕިޓަލާއި ތައުފީގު ދާރޫ ފާމަސޫޓިކަލް ފެސިލިޓީއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު ހުސައިން ކަރުމަންޕޫރު އާންމުކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި، ހަމަލާތަކުގެ ސަބަބުން ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ނަމަވެސް އީރާނުގެ އައިއެސްއެންއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާސްޓަރ އިންސްޓިޓިއުޓުން އުފައްދާ ވެކްސިން އާއި ސީރަމްގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. އަދި މި ހަމަލާތަކުގައި އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ޓެޑްރޯސް ވިދާޅުވި ގޮތުގައި، ހަމަލާތަކުގެ ސަބަބުން ޚޫޒިސްތާން ޕްރޮވިންސްގެ އިމާމް އަލީ ހޮސްޕިޓަލް ހުސްކޮށް، ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. މަރުވި މީހުންގެ ތެރޭގައި އިންފެކްޝަސް ޑިޒީޒް ސިއްހީ އެހީތެރިއަކާއި އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ މެންބަރަކު ހިމެނެއެވެ. ރެޑް ކްރެސެންޓުން ބުނެފައިވަނީ އެ ޖަމްއިއްޔާގެ ގުދަނަކަށް ދިން ހަމަލާއެއްގައި އެހީގެ ސާމާނާއި އުޅަނދުތަކެއް ހަލާކުވެފައިވާ ކަމަށެވެ.

އީރާނުގެ ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަނގުރާމައިގައި މިހާތަނަށް ސިއްހީ އަދި ކުއްލި ފަރުވާދޭ 307 މަރުކަޒަކަށް ވަނީ ގެއްލުން ލިބިފައެވެ. ޖެނީވާ ކޮންވެންޝަންގެ ދަށުން ސިއްހީ މަރުކަޒުތަކަކީ ހަނގުރާމައިގެ ތެރޭގައި ހިމާޔަތް ލިބިގެންވާ ތަންތަނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ މަނާކަމެކެވެ. ޑަބްލިއުއެޗްއޯ އިން ވަނީ އިންސާނީ އެހީތެރިންނާއި، އެމްބިއުލާންސް އަދި ސިއްހީ މަރުކަޒުތަކަށް އިހުތިރާމްކޮށް، އެ ތަންތަން ރައްކާތެރިކުރުމަށް ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450