ޚަބަރު
ވޭޕް އޮއިލް ޝިޕްމެންޓުގައި ޑްރަގް ހުރި ކަމަށް ބުނެފައިވަނީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުން
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ރައީސް އޮފީސް
ވޭޕް އޮއިލް ޝިޕްމެންޓުގައި ޑްރަގް ހުރި ކަމަށް ބުނެފައިވަނީ ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓުތަކުން އެތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިވޭޕް އޮއިލް ޝިޕްމެންޓަކީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ޝިޕްމެންޓެކެވެ. މި ޝިޕްމެންޓެއް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަން ހާމަކުރެއްވީ ދާޚިލީ ވަޒީރު އިޙްސާނެވެ.
ނަމަވެސް އޭގެ ފަހުން އިތުރު ޓެސްޓުތަކެއް ހެދުމަށް ފަހު، އެޝިޕްމެންޓުގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ކަންހިނގައިދިޔަ ގޮތް ތަފްސީލްކޮށްދެއްވާ ދާޚިލީ ވަޒީރު އިޙްސާން ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެއަރޕޯޓްގައި ކަސްޓަމްސްއިން ކްލިއަރ ކުރަމުންދާ ތަކެތިން ޝައްކުކުރެވޭފަދަ ކަމެއް ފާހަގަވެއްޖެނަމަ ރެޕިޑް ޓެސްޓްކޮށް ޕޮޒިޓިވްވާނަމަ ހިފެހެއްޓި ތަހްގީގަށް ހަވާލުކުރެވޭކަމަށެވެ.
އެގޮތުން މިވޭޕް ޝިޕްމަންޓުންވެސް ރެޕިޑް ޓެސްޓް ހެދިއިރު ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އާންމު އުސޫލުން މިތަކެތި ތަހްޤީގަށް ފުލުހުންނާ ހަވާލުކުރެވި ލެބޯރެޓަރީ ޓެސްޓް ހަދާފައިވާކަމަށެވެ. އަދި މިޓެސްޓާއި ރެޕިޑް ޓެސްޓް ނަތީޖާ ދިމާވާ ނުވެއްޖެނަމަ އިތުރަށް ކޮންފަރމެޓަރީ ޓެސްޓްތައް ހަދާކަމަށާއި، ތަހުޤީޤަށް ނަތީޖާ ބޭނުންކުރާނީ ކޮންފަރމެޓަރީ ޓެސްޓް ހެދުމަށްފަހު ޝައްކެއް ނެތް މިންވަރަށް ޔަޤީންވުމުންކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
އަދި އެދުވަހު މިޝިޕްމެންޓް ހިފެހެއްޓުނު ވާހަކަ ހިއްސާ ކުރެއްވުމަށް ނިންމެވީ 2023 ވަނަ އަހަރާއި މިއަހަރުވެސް މިފަދަ ވޭޕް އޮއިލް ޝިޕްމެންޓްތަކުގައި ކެނަބިސް ހުރި ކަމަށް ޔަޤީންކުރެވިފައި ވާތީ މިއީ މުޖްތަމަޢުގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ފުލުހުން އަންގާރަދުވަހު ހާމަ ކުރެއްވި މަޢުލޫމާތުން އެނގިގެންދަނީ މިޕްރޮސެސްގެ ހާމަކަން ބޮޑުކަމާއި އިންސާފްވެރިކަންކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންކަންކަމަށް ވިދާޅުވެ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަމުގައި ޢަމަލުކުރައްވާނީ މިގޮތަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިޙްސާން ވިދާޅުވިއެވެ.