ޚަބަރު
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި، ވިއްކައިގެން ގެއްލުމުގެ ބަދަލު ދެވޭ ބިލެއް މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ. ފޮޓޯ: މަޖިލިސް އިދާރާ
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމެވެ. އެގޮތުން މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކުށް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މުދާ ދައުލަތަށް ނެގޭނެ ކުށްތަކުގެ ތެރޭގައި ހިމެނެނީ:
- ނިރުބަވެރިކަމުގެ ކުށް އަދި ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ކުށް
- މީހަކު މެރުމުގެ ކުށް
- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް އަދި މީހުން ޓްރެފިކް ކުރުމުގެ ކުށް
- އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
- ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
- ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
- އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
- ކޮރަޕްޝަންގެ ކުށް އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށް
- 500,000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
- 100,000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި، ވައްކަމާއި، ޚިޔާނާތުގެ ކުށް
- 100,000 ރުފިޔާއަށްވުރެ މަތީގެ އަގުހުރި ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމާއި މުދާ ސްމަގަލް ކުރުމުގެ ކުށް
މީގެ އިތުރުން، ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އަދި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި، އެ މީހުން ނިސްބަތްވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އުސޫލުތައް ވެސް ބިލުގައި ހިމެނެއެވެ.