Ads by Farudhun

ޚަބަރު

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް ފެށުމަށް ދެ އީވީ ކާރު ގެންގޮސްފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް ފެށުމަށް ދެ އީވީ ކާރު ގެންގޮސްފި

ވިލިމާލެއަށް މާލެ ޓެކްސީ ލައިންގެ ދެކާރު ގެންދިއުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 01:19

04 އޭޕްރީލު 2026، 01:19

ސަރުކާރުން އަލަށް ތަޢާރަފްކުރި "މާލެ ޓެކްސީ" ލައިންގެ ޚިދުމަތަށް ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އީވީ ދެ ކާރެއް ވިލިމާލެއަށް ގެންގޮސްފިއެވެ. މިއީ ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމުންނަށް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިމަހުގެ 2ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ވިލިމާލެއަށް ގެންދިޔައީ ލުމީ މޮޑެލްގެ ދެ ކާރު
އެމްޓީސީސީން ހާމަކުރި ގޮތުގައި، މާލެ ޓެކްސީ ލައިންގައި ބޭނުންކުރާ 150 ކާރުގެ ތެރެއިން ވިލިމާލެއަށް ގެންގޮސްފައިވަނީ، ލުމީ މޮޑެލްގެ 2 އީވީ ޓެކްސީއެވެ. މިއީ ރައްކާތެރި، ސާފުތާހިރު އަދި މާލެ ސަރަޙައްދުގެ މާހައުލާ އެންމެ ގުޅޭ އުޅަނދުތައް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ޓެކްސީ ލައިންގެ ޚިދުމަތް އިއްޔެއިން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ފޯރުކޮށްދޭން ނިންމާފައި ވަނީ މުޅިން ހިލޭއެވެ. މި މުއްދަތުގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމަކީ އެމްޓީސީސީގެ މައިގަނޑު އަމާޒެކެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރުތައް ބުކް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޚިދުމަތް ހޯދުމާއި ކުރިމަގުގެ ރޭވުންތައް
ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިބާ ހަފުތާއަށް ފަހުގައެވެ. އެމްޓީސީސީން ދަނީ މި ޚިދުމަތަށް ޚާއްޞަ ފޯން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެއާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މާލެ ޓެކްސީގެ ކާރުތަކުން، މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މި ޚިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ޓްރެކްކޮށް، މޮނިޓަރކޮށް ވަރަށް ރޭވުންތެރިކަމާއެކު ދޭ ޚިދުމަތަކަށް ވާތީއެވެ. މީގެ ސަބަބުން މުދާ ގެއްލުން ފަދަ ކަންކަމުން ރައްކާތެރިވެ، ކަސްޓަމަރުންނަށް އިތުބާރު ހުރި ޚިދުމަތެއް ލިބޭނެ ކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450