ޚަބަރު
ރާއްޖޭގެ ފިއުލް ކުންފުންޏެއްގެ ފުރަތަމަ އަންހެން ސީ.އޯ.އޯ، އާޒަރަތު ރަޝީދުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔުނު ފޮތް ނެރެފި
އާޒަރަތު ރަޝީދު (އާޒާ) ގެ ފުރަތަމަ ފޮތް "ލަރނިންގ ޓުބީ އޮން މައި އޯން ސައިޑް" ރަސްމީކޮށް ނެރެދެއްވުން ފޮޓޯ: ޕީކޮމާ
ރާއްޖޭގެ ތެލާއި ގޭހުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ 'ވިންކޯ' ގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީ.އޯ.އޯ) އާޒަރަތު ރަޝީދު (އާޒާ) ގެ ފުރަތަމަ ފޮތް "ލަރނިންގ ޓުބީ އޮން މައި އޯން ސައިޑް" ރަސްމީކޮށް ނެރެ، ނޭޝަނަލް ލައިބްރަރީއާ ހަވާލުކޮށްފިއެވެ.

ގައުމީ ކުތުބުޚާނާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އާޒަރަތު ރަޝީދު އަމިއްލަފުޅަށެވެ. މިއީ ރާއްޖޭގެ ފިއުލް ކުންފުންޏެއްގެ ސީ.އޯ.އޯގެ މަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާ ކަމަށްވާ އާޒާގެ ލިޔުންތެރިކަމުގެ ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ތާރީޚީ ދުވަހެކެވެ.
އާޒާގެ މި ފޮތަކީ އޭނާގެ ހަޔާތުގައި ދިމާވި ތަފާތު ތަޖުރިބާތަކާއި، ވަޒީފާގެ މާހައުލުގައި މަގާމުގެ ގޮތުން މީގެ ކުރިން ހިއްސާނުކުރެވި ހުރި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް ލޯބިވާން ދަސްކުރި ގޮތާއި، އިތުބާރާއެކު ހިތްވަރު ހޯދި ގޮތް މި ފޮތުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. މި ފޮތުގެ މައިގަނޑު މަގްސަދަކީ ކިޔުންތެރިންނަށް އަމިއްލަ ނަފްސަށް އަޅާލުމާއި ލޯބިދިނުމުގެ މުހިންމުކަން އަންގައިދިނުމެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒާ ވިދާޅުވީ، އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ކޮންމެ ކަމަކަށް "އާނއެކޭ" ބުނުމުގެ އާދަ ކަމަށެވެ.
ނޫނެކޭ ބުނަން ނުކެރުމުގެ ސަބަބުން އާނއެކޭ ބުނެ، ނޭނގޭ ކަންކަން ވަގުތުން ދަސްކޮށްގެން ކުރިއަށް ދިއުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،
އާޒާ
މި ހަފްލާގައި އާޒާ މަސައްކަތްކުރައްވާ ވިންކޯ ކުންފުނީގެ ގިނަ އަދަދެއްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. އާޒާގެ މަސައްކަތުގެ ދަތުރު ފެށުނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވީ ނަމަވެސް، ޒުވާން އުމުރުގައި ތެލާއި ގޭހުގެ ދާއިރާއަށް ބަދަލުވެ، އެޑްމިނިސްޓްރޭޝަނާއި ހިއުމަން ރިސޯސަސްއިން ފެށި ދަތުރުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ހިތްވަރެއް ދައްކުވައިދީފައެވެ.

ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަމުން އާޒާ ވިދާޅުވީ، މިއީ ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭނެ ފަދަ ނިއުމަތެއް ކަމަށެވެ. އާޒާގެ މި ފޮތަކީ ކިޔުންތެރިންނަށް، ޚާއްސަކޮށް އަންހެން ކަނބަލުންނަށް ހިތްވަރުދޭނެ ވަރުގަދަ މެސެޖުތަކެއް އެކުލެވިގެންވާ ފޮތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.