ޚަބަރު
"ޕީކޮމާ" އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިފް ކޯޗަކު ބެހެއްޓުމުގެ މަޝްރޫޢު ފެށި، ދެ ފޮތެއް ނެރެފި
ޕީކޮމާ އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިފް ކޯޗަކު ބެހެއްޓުމުގެ މަޝްރޫޢު ފެޑުމަށް އަދި، ދެ ފޮތެއް ނެރުމަށް ބޭއްވި ހަފްލާ ފޮޓޯ: ޕީކޮމާ
ޕްރޮފެޝަނަލް ކޯޗިންގ އެންޑް މެންޓަރިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (PCOMA) އިން ކުރިއަށްގެންދާ "ކޮންމެ ރަށެއްގައި ލައިފް ކޯޗަކު" ބެހެއްޓުމުގެ މުހިއްމު މަޝްރޫޢުގެ ދަށުން، އަލަށް ތަމްރީނުވި 10 ކޯޗުންނަށް ސެޓްފިކެޓް ދިނުމާއި، އާ ދެ ފޮތެއް ނެރުމުގެ ހަފްލާ ނޭޝަނަލް ލައިބްރަރީގައި ބާއްވައިފިއެވެ.
މިއަދު ބޭއްވުނު މި ޚާއްޞަ ހަފްލާގައި، ހިލޭ ކޯޗިންގ ދާއިރާއަށް ވަނުމުގެ ފުރުސަތު ލިބުނު 10 ދަރިވަރަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ދަރިވަރުންނަކީ މިހާރުން ފެށިގެން އެ ކުދިން ދިރިއުޅޭ ރަށްރަށުގައި ކޯޗިންގގެ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ފަރާތްތަކެކެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިފް ކޯޗުން ބެހެއްޓުމަށް PCOMA އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެސޯސިއޭޝަންގެ ވެބްސައިޓް މެދުވެރިކޮށް މެންބަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ކޯޗުން ތަމްރީނު ކުރުމުގެ އިތުރުން، މި ހަފްލާގައި "ޑިއުޑްރޮޕް ރައިޓާސް" ގެ ފަރާތުން ދެ ލިޔުންތެރިއެއްގެ ފޮތް ވަނީ ނެރެފައެވެ. އެއީ އަޒާރަތު ރަޝީދުގެ ފުރަތަމަ ފޮތް "ލަރނިންގ ޓުބީ އޮން މައި އޯން ސައިޑް " އާއި، ނަފް ސްމައިލްބުކްގެ ދެވަނަ ފޮތް "އަން ޑައުޓް އަ ލެގަސީ" އެވެ. މި ދެ ފޮތަކީވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހުރި ހިސާބުން ކުރިއަށް ދިއުމަށް ހިތްވަރުދޭ، ކޯޗިންގގެ ފަލްސަފާއާ ގުޅުންހުރި ދެ ފޮތެވެ.
މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވާހަކަދައްކަވަމުން ރީޖަނަލް އެލައެންސް ފޯ ޔޫތްގެ ޕްރެޒިޑެންޓް ޑރ. އައިޝަތު ރަފިއްޔާ ވަނީ، ފުރުސަތުތައް ހަމަހަމަކޮށް ދިނުމުގެ އިތުރުން އިންސާފުވެރިކަމާއެކު ކަންކަން ކުރުމުގެ (Equity) މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި ޕީކޮމާ ފަދަ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގައުމީ ފެންވަރުގައި މިފަދަ މަޝްރޫޢުތައް ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ލައިބްރަރީގެ ޑައިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، ޒުވާން ލިޔުންތެރިންގެ އަޑު ގައުމީ ކުތުބުޚާނާގައި އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި ފޮތް ޕަބްލިޝް ކުރުމަށް ޖާގަ ދިނުމާއި، ފޮތް ލިޔަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބުކް ކްލަބްތަކާއި އެކި ސެޝަންތައް ލައިބްރަރީގައި އަބަދުވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ހަފްލާއަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އަދަބީ ދާއިރާއަށް އައި އާ އުންމީދެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. PCOMA އާއި ލިޔުންތެރިން ގުޅިގެން ކުރި މި މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާ އަދި މަންފާކުރަނިވި މަސައްކަތްތަކެކެވެ.