ދުނިޔެ

އީރާނުގެ ހަނގުރާމައާއެކު ޕާކިސްތާނުގެ އެލްއެންޖީ އިތުރުވެފައި އޮތް އޮތުން ބޮޑު ތަދަކަށް ބަދަލުވެއްޖެ

އީރާނުގެ ހަނގުރާމައާއެކު ޕާކިސްތާނުގެ އެލްއެންޖީ އިތުރުވެފައި އޮތް އޮތުން ބޮޑު ތަދަކަށް ބަދަލުވެއްޖެ

ޕާކިސްތާނުގެ ބަޔަކު ގޭސް ހޯދުމަށް ކިޔުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 06:12

04 އޭޕްރީލު 2026، 06:12

މި އަހަރު ފެށުނުއިރު ޕާކިސްތާނުގައި ބޭނުންކުރެވޭ ވަރަށްވުރެ ގިނައިން އިމްޕޯޓްކުރި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ހުރި ނަމަވެސް، މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން އެ ގައުމަށް މިހާރު ވަނީ ގޭހުގެ ބޮޑު ތަދަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

 2021 ވަނަ އަހަރު 8.2 މިލިއަން ޓަނުގެ ގޭސް ބޭނުންކުރި ނަމަވެސް، ސޯލާ ޕެނަލްތައް އާންމުވުމާއި ފެކްޓްރީތަކުގެ މަސައްކަތް މަދުވުމުގެ ސަބަބުން މިދިޔަ ތިން އަހަރު ގޭހުގެ ޑިމާންޑް ވަނީ ދަށްވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާއެކު މުޅި ސަރަހައްދުގެ މަޝްރަހު ވަނީ ބަދަލުވެފައެވެ. "އެޕިކް ފިއުރީ" ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި އީރާނުގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވަނީ މި ހަމަލާތަކުގައި އަވަހާރަވެފައެވެ. މީގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ކޮމްޕްލެކްސް ކަމަށްވާ ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށެވެ. މާޗް މަހުގެ 2 ވަނަ ދުވަހު އީރާނުން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ގަތަރުން ވަނީ ގޭސް އުފެއްދުން ހުއްޓާލައި "ފޯސް މެޖޫއާ" އިޢުލާންކޮށްފައެވެ. މީގެ އިތުރުން މާޗް 18 ގައި އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ހަމަލާދިނުމުން، ގަތަރުގެ ގޭސް އުފެއްދުން 17 އިންސައްތަ ދަށްވެފައިވާ ކަމަށް ގަތަރު އެނާޖީން ބުނެއެވެ. މި ތަންތަން މަރާމާތުކުރުމަށް ފަސް އަހަރު ނަގާނެ ކަމަށް ލަފާކުރެވެއެވެ.

ޕާކިސްތާނަކީ ގޭހުގެ ބޮޑު ބައެއް ގަތަރާއި ޔޫއޭއީ އިން އިމްޕޯޓްކުރާ ގައުމަކަށް ވެފައި، ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ ރިޒާވެއް ނެތުމުން އެ ގައުމަށް ވަނީ ވަގުތުން އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 109 ޑޮލަރަށް އުފުލިފައިވާއިރު، ޔޫރަޕްގެ ގޭހުގެ އަގުތައް ވެސް ވަނީ 6 އިންސައްތަ މައްޗަށް ގޮސްފައެވެ.

ޕާކިސްތާނުގެ ދާޚިލީ ގޭސް ފީލްޑްތަކުން އުފައްދާ މިންވަރު ދަށްވަމުންދާ ދަނޑިވަޅެއްގައި، އިމްޕޯޓްކުރާ ގޭހަށް މިފަދަ ހުރަސްތަކެއް ކުރިމަތިވުމަކީ އެ ގައުމުގެ އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. ކުރިން ގޭސް އިތުރުވެގެން އެހެން ގައުމުތަކަށް ވިއްކަމުންދިޔަ ޕާކިސްތާނަށް މިހާރު ވަނީ ގޭސް ނުލިބުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450