ޚަބަރު
އިންތިޚާބުގެ ވޯޓުލުން ނިމި، ގިނަ ފޮށިތަކުގެ ވޯޓު ގުނަން ފަށައިފި
ވޯޓު ފޮށިތައް ބަންދުކޮށްފައި ފޮޓޯ: އީސީ
މިއަދު ކުރިއަށްދިޔަ އިންތިޚާބުގެ ވޯޓުލުން ރަސްމީކޮށް ނިމި، ގިނަ ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު މިހާރު ވޯޓު ގުނަން ފަށައިފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގައި ބެހެއްޓި 240 ފޮއްޓާއި، އަތޮޅުތަކުގައި ބެހެއްޓި 322 ފޮށީގެ އިތުރުން، ރިސޯޓުތަކުގައި ބެހެއްޓި 21 ފޮއްޓާއި ޖަލުތަކުގައި ބެހެއްޓި 5 ފޮއްޓެވެ.
މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ގިނަ ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އުސޫލުގެ މަތިން ވޯޓު ފޮށި ބަންދުކުރިތާ 30 މިނެޓް ފާއިތުވުމާއެކު، ބައެއް ފޮށިތަކުގެ ވޯޓު ގުނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ނަމަވެސް، ބައެއް ވޯޓު ފޮށިތަކުގެ ކިޔު ބަންދުކުރި އިރު ގިނަ ބަޔަކު ވޯޓުލާން ގޮސް ތިބުމުގެ ސަބަބުން، ބައެއް މަރުކަޒުތަކުގައި އަދިވެސް ވޯޓުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެފަދަ ފޮށިތައް ބަންދުކުރާނީ ކިޔުގައި ތިބި އެންމެން ވޯޓުލާ ނިމުމުންނެވެ.
މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 60 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް މިހާރު ދަނީ އިއުލާން ކުރެވެމުންނެވެ.