ޚަބަރު
އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: އިލެކްޝަންސް
ފަރުދުން
04 އޭޕްރީލު 2026، 09:11
04 އޭޕްރީލު 2026، 09:11
މިއަދު ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއި އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރުއަދާކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ވޯޓުލުމުގެ ސަލާމަތީ ކަންކަން އޮމާންކޮށް ދިޔައީ، ފުލުހުންގެ އިރުޝާދުތަކަށް އާންމުން އެއްބާރުލުން ދެއްވުމުންކަމަށް ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ފާހަގަކުރެވޭފަދަ ބޮޑު ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު ބަންދުގައި ނެތްކަމަށެވެ.
ފުލުހުންގެ ޚިދުމަތުންވަނީ މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި ވޯޓުލާން ދިޔަ ރައްޔިތުންނަށާއި، އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައިވާ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.