ޚަބަރު
މިއަދު މާލޭގައި އިޙްސާސް ކުރެވޭ ހޫނުމިން އުޅުނީ 43 ޑިގްރީގައި
މާލޭ ސިޓީ---
ފަރުދުން
04 އޭޕްރީލު 2026، 10:10
04 އޭޕްރީލު 2026، 10:10
އާންމުންގެ ގިނަ ބަޔަކު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގައި ބައިވެރިވުމަށް ނިކުތްއިރު، މާލޭގެ ހޫނުމިން މިއަދު ހުރީ 34 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިޚްސާސް ކުރެވޭ ހޫނުމިން އުޅުނީ 43 ޑިގްރީ ސެލްސިއަސްގައެވެ.
މާލޭގެ އިތުރުން، އައްޑޫ ސިޓީއަށް ވެސް މިއަދަކީ ވަރަށް ހޫނު ގަދަ ދުވަހެކެވެ. އެގޮތުން ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިޙްސާސް ކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގައެވެ.
އަދި މާލޭގެ އުތުރުން ހދ. ހަނިމާދޫ އާއި ކުޅުދުއްފުށި ސިޓީގައި ހޫނުމިން 31 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 39 ޑިގްރީސް ސެލްސިއަސްގައެވެ.
ގަދަ ހޫނާއިގުޅިގެން ވޯޓުލާން ނިކުތްއިރު ކުރެވުނު އުނދަގޫ އިޙްސާސްތައް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޚިއްޞާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން، މި އަހަރު އެންމެ ހޫނުވާނީ މި އޭޕްރިލް މަހު ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.