ޚަބަރު
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފި
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު ފޮޓޯ: ގއ އަތޮޅު ތަޢުލީމީ މަރުކަޒު
ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ބޭނުންވާ މުހިންމު ސާމާނު ތަޢުލީމީ ވުޒާރާއިން އެ ރަށަށް ފޮނުވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން އެއް ކިލާސްރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މަޢުލޫމާތު ލިބޭގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް ތަޢުލީމީ ވުޒާރާގެ ޚާއްޞަ ޓީމެއް ވިލިނގިއްޔަށް ގޮސް، ސްކޫލުގެ ޙާލަތު ވަނީ ވަޒަންކޮށްފައެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނޭހެން ކަންކަން އިންތިޒާމު ކުރުމަށްޓަކައި، އެއަރ ކާގޯ މެދުވެރިކޮށް 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް މިހާރު ވަނީ އެ ސްކޫލަށް ފޯރުކޮށްދީފައެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ސްކޫލްގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކިޔަވައިދިނުމުގެ ކަންކަން ވީހާވެސް އަވަހަކަށް އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިގޮތުން ސްކޫލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.