ޚަބަރު
ކޮލިޓީ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިޒާމީ ބޮޑެތި ބަދަލުތަކެއް ބޭނުންވޭ: ޑރ. ޝާހް
ރާއްޖޭގެ ފާމަސީއެއް ފޮޓޯ: ފައިނެންޝަލް ރިވިއު
ރާއްޖޭގައި މެދުނުކެނޑި ކޮލިޓީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި، އިދާރީގޮތުންނާއި ނިޒާމީގޮތުން ހަމައަކަށް އަޅުވަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދިމާވެފައިވާ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު ޚާއްސަ ޤަރާރެއްގެ ދަށުން ބޭހަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ބޭސް އެތެރެކުރި ނަމަވެސް، ބޭސް ލިބުމުގައި ހުރި ދަތިތަކަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް އަތޮޅުތަކަށް ފޮނުވުމުގައި ހަރުދަނާ ނިޒާމެއް ނެތުމުގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖެއަށް ކޮލިޓީ ބޭސް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުމަކީ ހަމައެކަނި ބޭސް ގަނެގެން ގެނެސް ގުދަންކުރުން ނޫން ކަމަށެވެ.
މިކަމަކީ ހަމައެކަނި ބޭސް އެތެރެކޮށް އޭގެ ވިޔަފާރި އެލެމެންޓެއް ނޫން. ސިއްޙީ ދާއިރާގެ ސިސްޓަމް ތެރޭގައި ބައިވަރު މައްސަލަތައް ބޮޑެތި ބައިބައިވުންތަކާއި ތަފާތު ކަންތައްތަކެއް އެބަހުރި. ރާއްޖެއަށް ބޭސްއެތެރެ ކުރުމަކީ ހަމައެކަނި ސަޕްލަޔަރު އަތުން ބޭސް ގަނެފަ ގުދަންކޮށް ތަންތަނަށް ޑިސްޓްރިބިއުޓްކުރުމެއް ނޫން،
ޑރ. ޝާހް
ބޭސް ކުންފުނިން ފާހަގަކުރާ ގޮތުގައި، މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭސް އެތެރެކުރާ މިންގަނޑުތައް މުރާޖާކުރުމާއި، ރެގިއުލޭޓްކުރުން ހަރުދަނާކުރަން ޖެހެއެވެ. އަދި ބަލިމީހުންނަށް އެންމެ އެކަށީގެންވާ ބޭސްތައް ދެނެގަތުމަށް ޑޮކްޓަރުންނާ ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކުރުމަކީ ވެސް މުހިއްމު ކަމެކެވެ.
ރާއްޖެއަށް ބޭސް ގެނައުމަކީ ހަމައެކަނި ވިޔަފާރި މޮޑެލްއެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ނޫންކަން ފާހަގަކޮށް، ސަރުކާރުން ބުނެފައިވަނީ ވަކި ކުންފުންޏެއްގެ ގޮތުގައި ބޭސް ކުންފުނި ހަމަޖެހުމުން މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ. މި ބަދަލުތަކާއެކު، ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން އަރުވައެވެ.