ޚަބަރު
އަލަށް އިންތިޚާބުވި ކައުންސިލްތަކާއެކު ތަފާތުކުރުމެއް ނެތި މަސައްކަތް ކުރާނަން: ވަޒީރު އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފު އުމަރު ފޮޓޯ:އެޑިޝަން
އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ދެއްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން ނިމި، ވަގުތީ ނަތީޖާތައް އިއުލާންކުރުމާ ގުޅިގެން، އިންތިޚާބުވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާދަމް ޝަރީފްގެ ޕޯސްޓުގައި، އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ، އަލަށް އިންތިޚާބުވި ކައުންސިލްތަކާއި ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.
— Adam Shareef Umar (@Adamshareefz) April 4, 2026
އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި…
ވަޒީރު އިތުރަށް ވިދާޅުވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މި އާ ކައުންސިލްތަކާއެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހޮނިހިރު ދުވަހު ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، އިންތިޚާބު ބޭއްވުނު ދާއިރާތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ވަޒީރު އާދަމް ޝަރީފް މި ފަދަ ޔަގީންކަމެއް ދެއްވާފައި މިވަނީ، ސަރުކާރުން ހުރިހާ ކައުންސިލްތަކަކަށްވެސް ހަމަހަމަކަމާއެކު އެއްބާރުލުން ދޭނެކަން ހާމަކުރުމުގެ ގޮތުންނެވެ.