Ads by Farudhun

ޚަބަރު

ރާއްޖޭގެ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް "ޕްރޮޖެކްޓް އައިލާ" ގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ރާއްޖޭގެ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް "ޕްރޮޖެކްޓް އައިލާ" ގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

"ޕްރޮޖެކްޓް އައިލާ" ފޮޓޯ: އިންވެސްޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 12:01

05 އޭޕްރީލު 2026، 12:01

ރާއްޖޭގައި ތަރައްޤީކުރާ ދެމެހެއްޓެނިވި ފުރަތަމަ ޓައުންޝިޕް މަޝްރޫޢު ކަމަށްވާ "ޕްރޮޖެކްޓް އައިލާ" ގެ އަމަލީ މަސައްކަތްތައް ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އިންވެސްޓް މޯލްޑިވްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ބިން ހިއްކުމާއި ފަރުމާކުރުމުގެ ހުރިހާ މަރުހަލާއެއް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތްތަކާއި އަސާސީ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ އެޕްރީލް މަހު ފަށާފައިވާއިރު، ގާތްގަނޑަކަށް 6 މިލިޔަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން، ރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށްޓަކައި ތޮށިލުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު އިފްތިތާހުކޮށްދެއްވި މި ބިޔަ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މުވައްޒަފުން ދިރިއުޅޭ އަވަށުގެ ވަސީލަތްތައް ބިނާކުރުމާއި، ރަށުގެ މަގުތަކާއި އަސާސީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މަސައްކަތެވެ. ބައިނަލްއަޤުވާމީ މާހިރުންގެ އިރުޝާދުގެ ދަށުން ލޭންޑްސްކޭޕިންގ މަސައްކަތްތައްވެސް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ރެޒިޑެންޝަލް ވިލާތަކާއި، އެންމެ ޒަމާނީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގެ އިތުރުން 'ގްލޯބަލް ސްކޫލް އޮފް ހޮސްޕިޓާލިޓީ އެންޑް ލީޑަރޝިޕް' ގެ ނަމުގައި ތައުލީމީ މަރުކަޒެއް ބިނާކުރެވޭނެ ކަމަށެވެ. އަދި މީގެ ތެރޭގައި އަލްޓްރާ ލަގްޒަރީ ރިސޯޓަކާއި މެރީނާއެއްވެސް ހިމެނެއެވެ.

ކާނާގެ ރައްކާތެރިކަމަށް އިސްކަންދީގެން 17 ހެކްޓަރުގެ ސަރަހައްދެއްގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިންޓަގްރޭޓެޑް ނިޒާމެއް ގާއިމުކުރާއިރު، މި ސިޓީއަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާނެ ތަނެކެވެ. އެގޮތުން ސިޓީ ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިއާދަކުރަނިވި ވަސީލަތްތަކުންނެވެ.

ސަރުކާރުގެ އަމާޒަކީ ސްމާޓް ޓެކްނޮލޮޖީއާއި ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކާއެކު ތަރައްޤީކުރާ މި މުޅި މަޝްރޫޢު 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމައި އޮޕަރޭޝަނަށް ގެނައުމެވެ. މި މަޝްރޫޢަށް ބޭނުންވާ އިދާރީ ހުއްދަތަކާއި އިންވެސްޓްމަންޓް އެގްރީމަންޓްތައް 2025 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ފުރިހަމަވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450