ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ މަތީ މަޤާމު ކަމުގައިވާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، އެސިސްޓެންޓް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. ސީޕީގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއިރު، އޭގެ ތެރޭގައި ހިމެނެނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު މުޙައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެވެ.
އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އަޙްމަދު މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ އަދި ބެޗްލަރ އޮފް ޝަރީއާ (އޮނަރސް) ހާސިލުކުރައްވާފައެވެ. މީގެއިތުރުން އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަރސް ބޭސިކް ޓްރޭނިންގ ކޯހާއި، ސީނިއަރ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި ސީޕީ ކުރައްވާ މަސައްކަތްޕުޅުތަކުގައި ފުލުހުންގެ މުއައްސަސާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަޙްމަދު މުޙައްމަދު ސީޕީގެ މަޤާމަށް އައްޔަން ކުރެއްވިކަން ފުލުހުންގެ އިދާރާއިން މިހާރު ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.