ސައިންސް / ދުނިޔެ

ފާޚާނާގެ މައްސަލައާ އެކުވެސް އާޓެމިސް 2 ގެ ތާރީޚީ ދަތުރު ކުރިއަށް

ފާޚާނާގެ މައްސަލައާ އެކުވެސް އާޓެމިސް 2 ގެ ތާރީޚީ ދަތުރު ކުރިއަށް

އާޓެމިސް 2 ގެ ކްރޫއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 01:15

05 އޭޕްރީލު 2026، 01:15

އާޓެމިސް 2 މިޝަނުގެ އެސްޓްރޮނޯޓުން ހަނދުގެ ވަށައިގެން ބުރުޖެހުމަށް ކުރާ ތާރީޚީ ދަތުރުގެ ދެބައިކުޅަ އެއްބައި ފުރިހަމަކޮށް، ހަނދާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އުޅަނދުގެ ފާޚާނާއަށް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު އުޅަނދު އުދުއްސާލި ފަހުން "އޮރަޔަން" ކެޕްސޫލްގެ ފާޚާނާއަށް ދިމާވި މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމާ ގުޅިގެން، ކޮންޓްރޯލް ސެންޓަރުން ވަނީ ބެކަޕް ޔޫރިން ކަލެކްޝަން ކޮތަޅުތައް ބޭނުންކުރުމަށް އެސްޓްރޮނޯޓުންނަށް އަންގާފައެވެ. އިންޖިނޭރުން ލަފާކުރާ ގޮތުގައި ފާޚާނާގެ ހޮޅިތަކުގައި ގަނޑުފެން ހެދި ބެދުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް ބޮޑުކަމުދިއުމަށް ފާޚާނާ އަދިވެސް ބޭނުންކުރެވޭނެ ކަމަށް ނާސާއިން ބުނެއެވެ.

ނާސާގެ އޮރަޔަން ޕްރޮގްރާމްގެ ޑެޕިއުޓީ މެނޭޖަރު ޑެބީ ކޯތު ވިދާޅުވި ގޮތުގައި، ފާޚާނާއިން ނުބައި ވަހެއް ދުވާ ކަމަށްވެސް އެސްޓްރޮނޯޓުން ވަނީ ރިޕޯޓްކޮށްފައެވެ. "ޖައްވީ ދަތުރުތަކުގައި ފާޚާނާގެ މައްސަލަތަކަކީ އަބަދުވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް،" އޭނާ ވިދާޅުވިއެވެ.

މި ދަތުރުގައި ބައިވެރިވާ ތިން އެމެރިކާ މީހުންނާއި ކެނެޑާގެ އެސްޓްރޮނޯޓު ހަނދުގެ ކައިރިއަށް ދާނީ އަންނަ ހޯމަ ދުވަހުއެވެ. މިއީ މީގެ 53 އަހަރު ކުރިން ނާސާގެ އެޕޯލޯ ޕްރޮގްރާމް ނިމުނު ފަހުން، އިންސާނުން ހަނދާ ދިމާލަށް ކުރާ ފުރަތަމަ ދަތުރެވެ. އުޅަނދުގެ ޕައިލެޓް ވިކްޓާ ގްލޯވާ ބުނި ގޮތުގައި، މިހާރު ދުނިޔެ ފެންނަނީ ވަރަށް ކުޑަކޮށް ކަމަށާއި، ނަމަވެސް ހަނދު ފެންނަލެއް ދަނީ ބޮޑުވަމުންނެވެ.

މި މިޝަނަކީ އިންސާނުން ދުނިޔެއާ އެންމެ ދުރަށް ދަތުރުކުރުމުގެ ރެކޯޑް އާކުރާނެ ދަތުރެކެވެ. އެގޮތުން ދުނިޔެއާ 252,000 މޭލު (400,000 ކިލޯމީޓަރު) ދުރަށް ދަތުރުކޮށް، ހަނދުގެ ފަހަތުން ބުރުޖެހުމަށްފަހު އެނބުރި ދުނިޔެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

މި މިޝަންގައި ހިމެނޭ ކެނެޑާގެ އެސްޓްރޮނޯޓު ޖެރެމީ ހެންސަން އަކީ ހަނދާ ދިމާލަށް ދަތުރުކުރާ އެމެރިކާ ނޫން ފުރަތަމަ ރައްޔިތެވެ. އޭނާގެ އިތުރުން މި ދަތުރުގައި ރީޑް ވައިޒްމަން، ކްރިސްޓީނާ ކޮކް އަދި ވިކްޓާ ގްލޯވާ ބައިވެރިވެއެވެ. މީގެ ތެރެއިން ކޮކް އަކީ ހަނދަށް ދަތުރުކުރާ ފުރަތަމަ އަންހެން އެސްޓްރޮނޯޓެވެ. އަދި ގްލޯވާ އަކީ ހަނދަށް ދަތުރުކުރާ ފުރަތަމަ ކަޅު ނަސްލުގެ އެސްޓްރޮނޯޓެވެ.

10 ދުވަހުގެ މި ދަތުރު ނިންމާލުމަށްފަހު އެސްޓްރޮނޯޓުން އެނބުރި ދުނިޔެއަށް އަންނާނީ އޭޕްރީލް 10 ވަނަ ދުވަހުއެވެ. މިއީ 2028 ވަނަ އަހަރު ހަނދުގެ ދެކުނު ތަނޑީގައި އިންސާނުން ބޭސްއެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450