ދުނިޔެ

ބިރުވެރި ވާހަކަތަކެއް ބާރަށް ޖަހައިގެން އަވަށްޓެރިންނަށް އުނދަގޫކުރި މީހަކު ކޯޓަށް ހާޒިރުކޮށްފި

ބިރުވެރި ވާހަކަތަކެއް ބާރަށް ޖަހައިގެން އަވަށްޓެރިންނަށް އުނދަގޫކުރި މީހަކު ކޯޓަށް ހާޒިރުކޮށްފި

ސްޕީކަރަ ސިސްޓަމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2026، 01:28

05 އޭޕްރީލު 2026، 01:28

ޗައިނާގެ ގުއަންގްޒޯ ސިޓީގައި އަވަށްޓެރިންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ގިނަ ވަގުތުތަކެއް ވަންދެން ބިރުވެރި ވާހަކަތަކެއް ސްޕީކަރުން ޖަހަމުންދިޔަ މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާދަޔާ ހިލާފު ހާދިސާ މިހާރު ވަނީ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފެންމަތިވީ ގުއަންގްޒޯގެ އެޕާޓްމަންޓެއްގައި ދިރިއުޅޭ ލޫ އަދި އޭނާގެ ރޫމްމޭޓް ލީ، އެމީހުންގެ އަވަށްޓެރިއެއް ކަމަށްވާ ޝީއާ ދެމެދު އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. މި ދެބަސްވުން އުފެދުނު ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ބަދަލުހިފުމުގެ ގޮތުން ލޫ އާއި ލީ ވަނީ އަވަށްޓެރިޔާއާ ދެމެދު ހުރި ފާރު ކައިރީގައި ބާރުގަދަ ލައުޑްސްޕީކަރެއް ހަރުކޮށް، ކޮންމެ ދުވަހަކު ހެނދުނު 8:45 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އަށް މެދުނުކެނޑި ބިރުވެރި ވާހަކަތަކެއް ޖަހާފައެވެ. ދުވާލަކު 10 ގަޑިއިރަށްވުރެ ގިނަ ވަގުތު މި އަޑުތައް އަވަށްޓެރިޔާގެ ގޭތެރޭގައި ގުގުމަމުން ދިޔައެވެ.

މިކަމުގެ ސަބަބުން ހަމައެކަނި ޝީއަށް އުނދަގޫވުމުގެ އިތުރުން، އެ އިމާރާތުގެ ދިރިއުޅޭ މީހުންނަށްވެސް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ދެ ފްލޯ މަތީގައި ދިރިއުޅޭ ކުއީ ނަމަކަށް ކިޔާ މީހަކު ވަނީ މިކަމުގެ ޝަކުވާ ކޮށްފައެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު މުހިންމު އިމްތިހާނަކަށް ތައްޔާރުވަމުންދާއިރު، މި އަޑުގަދަވުމުގެ ސަބަބުން ކިޔެވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ލޫ ޖަހަމުންދިޔަ އަޑުގެ މިންވަރު ގާނޫނީ މިންގަނޑަށްވުރެ ދަށްވުމެވެ. ތަހުގީގުން ދެއްކި ގޮތުގައި ކުއީގެ ގޭތެރޭގައި އަޑު ހުރީ 36 ޑެސިބެލްގައެވެ. އެ ގައުމުގެ ގާނޫނު ބުނާގޮތުން އަޑުގަދަކަމުގެ ހުއްދަ އޮންނަ މިންވަރަކީ ދުވާލު ގަޑީގައި 60 ޑެސިބެލް އަދި ރޭގަނޑު 50 ޑެސިބެލްއެވެ. މި ސަބަބާހުރެ އިދާރާތަކަށް ފުރަތަމަ ލޫއާ ދެކޮޅަށް ފިޔަވަޅެއް ނޭޅުނެވެ.

ނަމަވެސް، މިއީ ގަސްތުގައި މީހުންގެ ދިރިއުޅުމަށް ބުރޫއެރުވުމަށް ކުރާ ކަމެއްކަން ސާބިތުވާތީ، ކުއީ ވަނީ ގުއަންގްޒޯ ހައިޒޫ ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ކޯޓުން މައްސަލަ ބެލުމަށްފަހު، މި އަޑުތައް ވަގުތުން ހުއްޓާލުމަށް ލޫގެ މައްޗަށް އަމުރުކުރިއެވެ.

ކޯޓުގެ އަމުރާ ގުޅިގެން، ކޯޓު އޮފިޝަލުންގެ ހާޒިރުގައި ލޫ ވަނީ އޭނާ ބޭނުންކުރި ސްޕީކަރުތައް ނަގައި، ރެކޯޑިންގްތައް ފޮހެލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އެއްވެސް އުނދަގުލެއް އަވަށްޓެރިންނަށް ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450