ޚަބަރު
ވިލިމާލެ ދާއިރާގެ ދެ ގޮނޑިވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް
ވިލިމާލެ ދެގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުން ފޮޓޯ: ޕީއެންސީ
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، މާލެ ސިޓީގެ ވިލިމާލެ ދާއިރާއަށް ކަނޑައެޅިފައިވާ ދެ ގޮނޑިވެސް ސަރުކާރު ހިންގާ ޕީއެންސީ (ކޮންގްރެސް ޕާޓީ) އިން ކާމިޔާބުކޮށްފިއެވެ.
ވިލިމާލޭގައި އިއްޔެ ކުރިއަށްދިޔަ މި އިންތިހާބުގައި، އެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރީ އިބްރާހިމް ސަމާހް އެވެ. އަދި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް އެ ޕާޓީގެ ފަރާތުން ވާދަކުރީ ހިޝްމާ އަހްމަދެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި ދެ ކެންޑިޑޭޓުންވެސް ވަނީ ބޮޑު ތަފާތަކުން ގޮނޑިތައް ކާމިޔާބު ކުރައްވާފައެވެ.
މި އިންތިހާބުގެ ނަތީޖާއާއެކު، ވިލިމާލޭގެ ރައްޔިތުން ތިބީ ސަރުކާރާއެކުކަން ހާމަވެގެން ގޮސްފައިވާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވިލިމާލޭގެ ރައްޔިތުން ދިން ވަރުގަދަ ތާއީދެއްގެ ގޮތުގައިވެސް ބެލެވެއެވެ.
އިއްޔެ ބޭއްވުނު އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ކައުންސިލް އިންތިހާބުތަކުގެ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީންނެވެ. މިގޮތުން ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑިތައް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.