ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިން އިރާގުގެ އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމަށް އީރާނުން ބުނެފި
ހޮރްމޫޒް ކަނޑުން ދަތުރު ކުރަމުންދިޔަ ބޯޓެއް
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅިން އިރާގުގެ އުޅަނދުފަހަރަށް އެއްވެސް ހުރަހެއްނެތި ދަތުރުކުރެވޭނެކަމަށް އީރާނުން އިއުލާނުކޮށްފިއެވެ.
މިއީ އެ ސަރަހައްދުގެ ކޮންޓްރޯލް އީރާނުން ހިފަހައްޓާފައި އޮތް އޮތުމަށް ލުޔެއް ދިން ފުރަތަމަ ފަހަރެވެ.
އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގައި އިރާގަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، ހުރަސްތައް ކުރިމަތިވާނީ ހަމައެކަނި "ދުޝްމަން ގައުމުތަކަށް" ކަމަށެވެ. "އަޅުގަނޑުމެން އިރާގުގެ ސިޔާދަތަށް ފުރިހަމައަށް އިހުތިރާމް ކުރަން،" ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ އެ ބަޔާނުގައިވެއެވެ.
އީރާނުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން އެ ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލުމަށް ނުވަތަ އެއްބަސްވުމަކަށް އައުމަށް އިންޒާރު ދެއްވާފައިވަނިކޮށެވެ. ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި މިކަން ނުކޮށްފިނަމަ ބޮޑެތި ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް އީރާނުން ވަނީ ޓްރަމްޕްގެ މި އިންޒާރަކީ "ނުކުޅެދުންތެރި، ބޯގޯސް އަދި މޮޔަ" އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅި އޮތީ އީރާނުން ބަންދުކޮށްފައެވެ. ލޮއިޑްސް ލިސްޓް އިންޓެލިޖެންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި 53 އުޅަނދެއް މި ކަނޑުއޮޅި ހުރަސްކޮށްފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އުޅަނދު ދަތުރުކުރި ހަފްތާއެވެ.
މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 109 ޑޮލަރަށްވުރެ މަތީގައެވެ. އަދި މި މަގު އަވަހަށް ހުޅުވައިނުލެވިއްޖެނަމަ އަގުތައް މިއަށްވުރެ މައްޗަށް ދާނެކަމަށް މާހިރުން ލަފާކުރެއެވެ.
އިރާގުގެ އިގްތިސާދަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އިރާގުގެ އޮއިލް މިނިސްޓްރީން ބުނިގޮތުގައި، ތެޔޮ އެކްސްޕޯޓް ނުކުރެވުމުގެ ސަބަބުން ދުވާލަކު އުފައްދާ ތެލުގެ މިންވަރު 4.3 މިލިއަން ފީފާއިން 1.2 މިލިއަން ފީފާއަށް ވަނީ ދަށްވެފައެވެ. އިރާގަކީ 2023 ވަނަ އަހަރު ދުނިޔޭގައި ހަވަނައަށް އެންމެ ގިނައިން ތެޔޮ އުފެއްދި ގައުމެވެ.