ދުނިޔެ
ގެއްލިފައިވާ ޕައިލެޓް މަރާލަން އެމެރިކާއިން މަސައްކަތް ކުރަނީ: އީރާން އަސްކަރިއްޔާ
ހަނގުރާމަމަތީ މަތިންދާބޯޓެއް
އީރާނުން ވައްޓާލި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން ފުންމާލި ޕައިލެޓުންގެ ތެރެއިން ގެއްލިފައިވާ ޕައިލެޓް ހޯދުމުގެ އުންމީދު ކެނޑުމުން، އޭނާ މަރާލުމަށް އެމެރިކާ ސިފައިން މަސައްކަތް ކުރަމުންދާ ކަމަށް އީރާނުގެ އަސްކަރީ މަސްދަރަކުން ތުހުމަތުކޮށްފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެ މަސްދަރުން ބުނެފައިވަނީ އެމެރިކާއިން ދަނީ މި ހާދިސާގެ ހަގީގަތް އޮޅުވާލަމުންނެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ޕައިލެޓް ހޯދުމުގެ އުންމީދު ކެނޑުމާއެކު އެމެރިކާގެ ފައިޓަރ ޖެޓްތަކުން ވަނީ ބޯޓު ވެއްޓުނު ސަރަހައްދު ކަމަށްވާ ކޫހޭ ސިއާ ސަރަހައްދަށް ތިން މިސައިލް ފޮނުވާލާފައެވެ. "މި ހަމަލާތަކަކީ ޕައިލެޓް އީރާނުގެ ސިފައިންގެ އަތްދަށަށް ދިޔަ ނުދިނުމަށްޓަކައި އޭނާ މަރާލުމަށް ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވޭ،" މަސްދަރުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އެމެރިކާގެ އެފް-15 އީގަލް މަރުކާގެ ފައިޓަރ ޖެޓެއް ވައްޓާލުމާ ގުޅިގެންނެވެ. މި ބޯޓުގައި ދެ ފަޅުވެރިން ތިބި އިރު، ބޯޓު ވެއްޓުމުގެ ކުރިން ދެ މީހުންވެސް ވަނީ ބޯޓުން ފުންމާލާފައެވެ. އެމެރިކާގެ ރިޕޯޓްތަކާ ހަވާލާދީ އެކްސިއޯސް އިން ބުނެފައިވަނީ އެކަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި ދެވަނަ މީހާ އަދިވެސް ފެނިފައިނުވާ ކަމަށެވެ.
ދެވަނަ ޕައިލެޓް އީރާނުގެ ބެލުމުގެ ދަށުގައި ހުރިތޯ ކުރެވުނު ސުވާލަށް އީރާނުގެ މަސްދަރުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާއިން ސަލާމަތް ކުރި ކަމަށް ބުނާ ފުރަތަމަ ޕައިލެޓާ ގުޅޭގޮތުން ވޮޝިންގޓަނުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމުގައި އެއްވެސް ދެފުށް ފެންނަ ގޮތަކަށް އަމަލުކުރަމުން ނުދާ ކަމަށް އީރާނުން ބުނެއެވެ.
މިވަގުތު އެމެރިކާ ސިފައިން ދަނީ ހެލިކޮޕްޓަރުތަކާއި، ސީ-130 މަރުކާގެ މަތިންދާބޯޓުތަކުގެ އެހީގައި ވަރުގަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގެ ތެރޭގައި އެމެރިކާގެ ރެސްކިއު ޔުނިޓްތަކާއި އީރާނުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށާއި، މި ކުރިމަތިލުންތަކުގައި އެމެރިކާގެ މަދުވެގެން ދެ ޖެޓަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.