ދުނިޔެ

ޣައްޒާގެ އެކިސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަސް މީހުން ޝަހީދުވެއްޖެ

ޣައްޒާގެ އެކިސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަސް މީހުން ޝަހީދުވެއްޖެ

ޣައްޒާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޭޕްރީލު 2026، 06:54

05 އޭޕްރީލު 2026، 06:54

ޣައްޒާގެ އެކިސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދިޔަ އުޅަނދަކަށާއި އާންމުން އެއްވެފައި އޮތް ތަނަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ފަސް ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ.

މި ހަމަލާތައް ދީފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލުން ދެމުންގެންދާ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިންނެވެ.

ލޯކަލް މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ހޮނިހިރު ދުވަހު ޣައްޒާގެ މެދުތެރޭ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް އިޒްރޭލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، ތިން މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން، އާދީއްތަ ދުވަހުގެ ދަމުން ބައިގަޑީގައި ޣައްޒާ ސިޓީގައި އާންމުން އެއްވެފައި އޮތް ތަނަކަށް ދިން ހަމަލާއެއްގައި ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި، ކައިވެނި ކުރިތާ މަދު ދުވަސްކޮޅެއް ވެފައިވާ ޒުވާނަކުވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ފަހަކަށް އައިސް އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާތަކެކެވެ.

އޮކްޓޯބަރު 10 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަ މަސް ފުރެން ކައިރިވެފައިވާއިރު، އިޒްރޭލުން ދަނީ އެއްބަސްވުމާ ހިލާފަށް ޣައްޒާގައި ގަތުލުއާންމު ހިންގަމުންނެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުން މިހާތަނަށް 2,070 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ހިލާފުވެފައިވެއެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 13.1 ފަހަރެވެ.

މި މުއްދަތުގެ ތެރޭގައި އެކަނިވެސް އިޒްރޭލު ސިފައިން ވަނީ 710 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 300 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ހަމަލާތަކުގެ ސަބަބުން އެހީގެ ސާމާނު ވެއްދުމަށްވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އޮކްޓޯބަރު 7، 2023 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު ވަނީ 72,000 އަށްވުރެ މައްޗަށް އަރާފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ފިއްތުންތަކާއެކުވެސް، އިޒްރޭލުން ދަނީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450