ކުޅިވަރު
އިންޑިއާގައި އޮންނަ ސައުތު އޭޝިއާގެ ޓީޓީ މުބާރާތަށް ރާއްޖޭގެ ޓީމު ފުރައިފި
ޓީޓީ ޓީމުތަކާއި ވަޒީރު ބައްދަލުކުރެއްވުން---
ފަރުދުން
05 އޭޕްރީލު 2026، 07:13
05 އޭޕްރީލު 2026، 07:13
އިންޑިއާގައި އޮންނަ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމުތައް އެ ޤައުމަށް ފުރައިފިއެވެ.
މި މަހުގެ 8-11އަށް އިންޑިއާގެ ޝިމްލާގައި އޮންނަ މި މުބާރާތުގައި ރާއްޖެއިން ދެ އުމުރުފުރާއަކުން ވާދަކުރާނެއެވެ. އެއީ 15 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޤައުމީ ޓީމެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތަށް ރާއްޖޭގެ ޓީމުތަކުން ދިޔައީ އެހެން ފަހަރުފަހަރަށް ވުރެ ބޮޑަށް ތައްޔާރުވެގެންނެވެ.
މި ޓީމު ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓީމާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. އަދި މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އެއް ކުއްޖެއް އަނެއް ކުއްޖަކަށް އެހީތެރިވެދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ޓީމުގެ ތައްޔާރީތަކާ ގުޅިގެން ކޯޗު ހުސެއިން ރަޝީދު ބުނީ މުބާރާތުން ދެ އުމުރުފުރައިންވެސް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށްކުރާކަމަށެވެ.
"ޓޯނަމަންޓުގައި ހަމަ ރަނގަޅު ކާމިޔާބީއެއް ލިބޭނެ، އަޅުގަނޑުމެންގެ 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ މި ދެ ކެޓަގަރީގަވެސް އިރާދުކުރެއްވިއްޔާ ފުރުސަތު ބޮޑު" ހުސެއިން ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ، އިންޑިއާ، ބަނގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީލަންކާއެވެ. މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ރޭންކިންއަށް ބަލާއިރު މިފަހަރު ރާއްޖޭގެ 15 އަހަރުން ދަށުގެ ކެޓަގަރީގައިވެސް ރޭންކިން މަތި ކުޅުންތެރިއެއް ހިމެނޭ ކަމަށް ކޯޗު ހުސެއިން ފާހަގަކުރިއެވެ.
ރާއްޖެއިން މިއަހަރު ބައިވެރިވާ ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.